ދުނިޔެ
އިސްރާއީލުން އިންސާނީ ހަށިގަނޑުތައް ޣައްޒާއިން ބޭރުކުރަނީ ޖަރީމާތަކުގެ ހެކި ނައްތާލުމަށް: ޔޫރޯ-މެޑް މޮނިޓަރ
އިސްރާއިލުން ހަލާކުކޮށްފައިވާ ޣައްޒާގެ ސަރަހައްދެއް. ފޮޓޯ: ޤުދުސް
އިސްރާއީލުގެ ސިފައިންނާއި ކޮންޓްރެކްޓަރުން ގުޅިގެން ޣައްޒާގެ އެކި ސަރަހައްދުތަކުން ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތައް (ރުބްލް) ނަގައި، އެ ތަކެތި ޣައްޒާއިން ބޭރަށް އުފުލުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށް ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ އިން ހާމަކޮށްފިއެވެ.
މި ހަރަކާތަކީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ހެކި ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.
ޔޫރޯ-މެޑް މޮނިޓަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100 ޓްރަކްގެ ކުނި ގާޒާއިން ބޭރަށް އުފުލަމުންދާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ އެއްވެސް ރަސްމީ ރެކޯޑެއް ނެތި އަދި މިނިވަން މުއައްސަސާއެއްގެ ބެލުމުގެ ދަށުން ނޫން ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. "މީގެ ސަބަބުން ނަސްލު ނައްތާލުމުގެ މުހިންމު ހެކިތަކާއި، ކުނިތަކުގެ ދަށުގައި ތިބި ޝަހީދުންގެ ހަށިގަނޑުތައް ނެތިގެންދިއުމުގެ ބިރު އެބައޮތް،" ބަޔާނުގައި ވެއެވެ.
ޣައްޒާގެ 66 އިންސައްތަ ސަރަހައްދު މިހާރު އޮތީ އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައެވެ. އެ ސަރަހައްދުތަކުން މިހާތަނަށް 10 މިލިއަން ޓަނުގެ ކުނި ނަގައި، މުގުރައި ނުވަތަ އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުގެ މަދަނީ ކުންފުނިތަކުން 400 އެއްހައި ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އިމާރާތްތައް ތަޅައި ކުނިތައް ޓްރަކްތަކަށް ބަރުކޮށްގެން އިސްރާއީލުގެ އެކި ސަރަހައްދުތަކަށާއި ހުޅަނގު އައްސޭރީގެ ދެކުނު ސަރަހައްދުތަކަށް ގެންދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ފޮރެންސިކް ޓީމުތަކަށާއި ތަހުގީގު ކުރާ ފަރާތްތަކަށް އެ ސަރަހައްދުތައް ބެލުމުގެ ފުރުސަތު ނުދީ، މިގޮތަށް ކުނިތައް ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. މި ކުނިތަކުގެ ތެރޭގައި އާންމުން މަރާލާފައިވާ ތަންތަނުގެ ހެކިތަކާއި، ބޮން އެޅުމުގައި ބޭނުންކުރި ހަތިޔާރުގެ ބައިތަކާއި، އަދި ގެއްލިފައިވާ 8،500 އެއްހައި މީހުންގެ ހަށިގަނޑުތައް ހިމެނޭނެ ކަމަށް ބެލެވެއެވެ. ޔޫރޯ-މެޑް އިން ބުނާ ގޮތުގައި، މިގޮތަށް ކުނިތައް މުގުރައި ބޭރުކުރުމުން މަރުވެފައިވާ މީހުން ދެނެގަތުމަށް ބޭނުންވާ ޑީއެންއޭ އަދި އެހެނިހެން ހެކިތައް ދޫކޮށްލުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.
މީގެ އިތުރުން، މި އަމަލަކީ ފަލަސްތީނު މީހުންގެ އަމިއްލަ މިލްކިއްޔާތަށް އަރައިގަތުން ކަމަށްވެސް ބެލެވެއެވެ. ކުނިތަކުގެ ތެރޭގައި ހިމެނޭ ދަގަނޑާއި ހިލަ ފަދަ ތަކެއްޗަކީ އަލުން ބޭނުންކުރެވޭނެ އަގުހުރި ތަކެއްޗެވެ. އަދި ބިންތަކުގެ އިންތަކާއި މަގުތަކުގެ ނިޝާންތައް ފޮހެލުމުން، ފަލަސްތީނު މީހުންނަށް އެނބުރި އައިސް އެމީހުންގެ ގެދޮރު ބިނާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ޔޫރޯ-މެޑް މޮނިޓަރއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައި، އިސްރާއީލުން ކުރިއަށްގެންދާ މި ހަރަކާތްތައް ވަގުތުން ހުއްޓުވުމަށް އެދިފައެވެ. އަދި ޣައްޒާގެ ކުނިތައް ބެލެހެއްޓުމަށް ފަލަސްތީނާއި ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރެވެންދެން، އެއްވެސް އެއްޗެއް ޣައްޒާއިން ބޭރުކުރުން މަނާކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ ބާރުއަޅާފައެވެ.