ޚަބަރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އިންޑަސްޓްރިއަލް ޒޯންގައި އޮތް ވޭންއެއްގައި ރޯވެފައި---
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އޮތް ކުޑަ ވޭނެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނުން ވަނީ މިހާރު ނިއްވާލާފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، އިންޑަސްޓްރިއަލް ޒޯނުގައި އޮތް ވޭނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:08 ހާއިރުއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން، ވޭނުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހަވީރު 17:20 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް، އަލިފާން ރޯވި ވޭނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.