ދުނިޔެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޖަލުގައި ހުންނަވާތާ ތިން އަހަރު ފުރުމާ ގުޅިގެން މުޒާހަރާކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޖަލުގައި ހުންނަވާތާ ތިން އަހަރު ފުރުމާ ގުޅިގެން މުޒާހަރާކޮށްފި

ޕީޓީއޭގެ މުޒާހަރާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޯގަސްޓު 2026، 08:20

05 އޯގަސްޓު 2026، 08:20

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ބަންދުކޮށްފައި ހުންނަވާތާ ތިން އަހަރު ފުރުމާ ގުޅިގެން، އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލައި އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން މުޅި ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.

އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ޖަލުގައި ހުންނެވީ ސިޔާސީ މަގްސަދެއްގައި ކަމަށް ބުނެ، އޭނާގެ އާއިލާ އާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަމުން ވަކިކުރެވުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މިއީ އެމެރިކާއާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ހިންގި ރޭވުމެކެވެ. ނަމަވެސް އެމެރިކާއާއި އަސްކަރިއްޔާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ޚާން އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ 2023 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި އޭގެ ފަހުން އޮގަސްޓް 5 ގައި ކޮރަޕްޝަނާއި ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ދައުވާގައި އޭނާ ޖަލަށްލެވުނެވެ.

މިހާރު އިމްރާން ޚާން ގެންދަވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް ވެސް ވަނީ ހަމަ އެ މައްސަލައިގައި 7 އަހަރުގެ ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން ދައުލަތުގެ ހަދިޔާތަކާ ގުޅޭ މައްސަލައެއްގައި މިދިޔަ ޑިސެމްބަރު މަހު މި ދެމަފިރިންގެ މައްޗަށް ވަނީ އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޕީޓީއައި އިން ބުނާ ގޮތުގައި މިއީ ޚާންގެ އަޒުމް ބަލިކޮށްލުމަށް ކުރާ މަސައްކަތްތަކެއް ނަމަވެސް އެކަން ކާމިޔާބެއް ނުވާނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވާ ގޮތުގައި އިމްރާން ޚާން އާއިލާއާ ބައްދަލުނުކުރާތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ޖަމާއަތުގެ ސައުތު އޭޝިއާގެ އެކްޓިން ރީޖަނަލް ޑައިރެކްޓަރު އިޒަބެލް ލަސީ ވިދާޅުވީ، "ތިން އަހަރު ވަންދެން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިމްރާން ޚާންއަށް އިންސާފުވެރި ޝަރީއަތެއްގެ ހައްގު ނިގުޅައިގަނެ، އެކަހެރިކޮށް ބަންދުކޮށްފައި" ކަމަށެވެ. އަދި އޭނާއަށް ބޭސްފަރުވާގެ ހައްގު ލިބިދިނުމަށް ވެސް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.

އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ވެސް ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ. އޭނާގެ ލޮލުގެ ބައްޔަކަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދީފައިވަނީ އާއިލާއަށް ނޭނގި ކަމަށް ޕީޓީއައިއިން ބުނެއެވެ. ނަމަވެސް ޕާކިސްތާނުގެ ދާޚިލީ ކަންތައްތަކާ ބެހޭ ވަޒީރު ތަލާލް ޗައުދަރީ ވިދާޅުވީ، ޚާން ބަންދުކޮށްފައި ހުރީ ކޯޓުތަކުގެ ބެލުމުގެ ދަށުން ކަމަށާއި، އޭނާއަށް އާންމު ގައިދީންނަށް ލިބޭ ވަރަށް ވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

މުހައްލިލުން ދެކޭ ގޮތުގައި އިމްރާން ޚާން މިނިވަންވުން ބިނާވެފައި އޮތީ ޕާކިސްތާނުގެ އަސްކަރިއްޔާއާ އޮތް ގުޅުމުގެ މައްޗަށެވެ. އަސްކަރިއްޔާއިން ބޭނުންވަނީ 2023 ވަނަ އަހަރުގެ މެއި 9 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޚާން މާފަށް އެދުމަށެވެ. ނަމަވެސް ޚާން ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. ސަރުކާރުން ބުނަމުންދަނީ އެއްވެސް ސިޔާސީ އެއްބަސްވުމެއް ނުހެދޭނެ ކަމަށާއި، ހުރިހާ ކަމެއް ނިމޭނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450