ޚަބަރު
އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އިންޖިނިއަރިން ދަރިވަރުންތަކެއް އާރްޑީސީއަށް ޒިޔާރަތްކުރުން. ފޮޓޯ: އާރްޑީސީ
ހުލާސާ
ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ދިވެހި އިންޖިނިއަރުންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ފާހަގަކޮށް، ޤައުމީ ތަރައްޤީގައި އެ ފަރާތްތަކުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމެވެ. މީގެ އިތުރުން، މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވައި، އިންޖިނިއަރިންގ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމަކީވެސް މި އެވޯޑުގެ ބޭނުމެކެވެ.
މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު ޖުމްލަ 10 ގިންތިއަކުން ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އިންޖިނިއަރ އޮފް ދަ އިޔަރ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، ޔަންގް އިންޖިނިއަރ އެވޯޑު، އަދި ވިމެން އިން އިންޖިނިއަރިންގ އެވޯޑު ހިމެނެއެވެ. މީގެ އިތުރުން އިންޮވޭޝަން، ސަސްޓެއިނަބިލިޓީ، ކޮންސަލްޓަންސީ، އަދި ކޮންޓްރެކްޓަރުންނަށް ޚާއްޞަ ގިންތިތައް ހިމެނެއެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ވަކިވަކި ފަރުދުންގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޕްރޮޖެކްޓް ޓީމުތަކަށްވެސް ވަނީ ހުޅުވާލާފައެވެ. ޒުވާން އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ. ހުށަހެޅުންތައް އިވަލުއޭޓްކުރާނީ އެކަމަށްޓަކައި އެކުލަވާލާފައިވާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ. ކުރިމަތިލާން އެދޭ ފަރާތްތަކުން https://awards.infrastructure.gov.mv މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.
މި އެވޯޑަކީ އިންޖިނޭރުންގެ އަގުވަޒަންކުރުމަށްޓަކައި ކޮންމެ އަހަރަކު އެވޯޑެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ދެވޭ އެވޯޑެކެވެ. ރާއްޖޭގައި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސިނަމާލެ ބްރިޖު ހުޅުވި ތާރީޚު ކަމަށްވާ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ.