ޚަބަރު
ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ތާސްކުޅެން އިންނަވަނިކޮށް މަޝްރޫޢުތައް ހިންގެވީ ރައީސް މުޢިއްޒު: މެންބަރު ޝުޖާއު
އުކުޅަހު ޖަލްސާގައި ޝުޖާއު ވާހަކަފުޅު ދައްކަވަނީ---
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އެ މަނިކުފާނު ތާސްކުޅުއްވުމުގައި މަޝްއޫލުވެވަޑައިގެން އުޅުއްވިއިރު، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވައި މުޅި ސަރުކާރު ހިންގެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމި، އެމްޑީޕީއާ ވެރިކަން ހަވާލުކުރިއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ރައީސް ޔާމީން ކުރެއްވި މަސައްކަތެއް ނޫން ކަމަށާއި، އެއީ މިހާރު ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ސީނިއާ ޓީމުގެ ބުރަ މަސައްކަތުން ހާސިލްކުރެވުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން އެމްޑީޕީއާ ވެރިކަން ހަވާލުކުރިއިރު ދިވެހި މާލިއްޔަތުގައި ހުންނާނެ އެއް ބިލިއަން ޑޮލަރު. އެއީ ވަކި ރައީސް ޔާމީން އެކަނިކުރި މަސައްކަތަކުން ނޫން. އެއީ އަޅުގަނޑުމެންގެ މި އޮތް ސީނިއާ ޓީމުން ކުރި މަސައްކަތެއް. ރައީސް ޔާމީން އުޅުއްވީ ގިނަ ރޭރޭ ތާސްކުޅުއްވުމުގައި ތަންކޮޅެއް ބިޒީކޮށް.
ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، އޭރުގެ ސިޓީ ކައުންސިލްތަކުގެ ރައީސުންނަށް ވެސް އެނގިލައްވާނެ ފަދައިން، ސަރުކާރުގެ މަޝްރޫޢެއްގެ ކަމެއްގައި ރައީސް ޔާމީނަށް ގުޅުއްވުމުން އެ މަނިކުފާނު ފޯނު ނުނަންގަވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ކަމެއްގައި "ދާށޭ މުޢިއްޒު އަރިހަށް" ވިދާޅުވާ ކަމަށާއި، އޭގެ ސަބަބުން މުޅި ދައުލަތުގެ ސިސްޓަމް އޮޕަރޭޓްވަމުން ދިޔައީ އޭރުގެ ހައުސިން މިނިސްޓްރީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ރަށެއްގައި ތަރައްޤީގެ މަޝްރޫޢެއް ހިނގަމުންދާނަމަ އޭރު ދިޔައީ ހައުސިން މިނިސްޓްރީގެ ދަށުން. ހައުސިން މިނިސްޓްރީ އޮޕަރޭޓްވަމުން ދިޔައީ 24/7 ގައި. ހައުސިން މިނިސްޓަރާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް މިއީ ތެދުކަން އެނގިލައްވާނެ،"
ޝުޖާއު އިތުރަށް ވިދާޅުވިއެވެ.
އޭރުގެ ކޮންމެ ކަމެއްގައި ވެސް ދާން ޖެހެނީ ހައުސިން މިނިސްޓަރުގެ އަރިހަށް ކަމަށް ވާތީ، އޭރުގެ ކާމިޔާބީތަކުގެ އަލިއަޅުވާލައްވަމުން މިއަދު ރައީސް ޔާމީނަށް އެއީ ތިމަންނަގެ ވެރިކަމުގައި ކުރި ކަންކަމޭ ވިދާޅުނުވެވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ހުރިހާ މަސައްކަތެއްގެ ހަގީގީ ޝުކުރު ހައްގުވަނީ ރައީސް މުޢިއްޒަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީގެ ހިންގުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އޭރު ޕާޓީ ހިންގަމުން ދިޔައީ "މެޑަމް އޮފީހުން" ކަމަށާއި، އެއީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެލެއްވިއެވެ.