ކުޅިވަރު / ދުނިޔެ

ފުޓުބޯޅަ މެޗެއްގެ ތެރެއިން ކުޅުންތެރިއެއްގެ ގަޔަށް ހޮނުއަޅުމުން އޭނާ މަރުވެއްޖެ

ފުޓުބޯޅަ މެޗެއްގެ ތެރެއިން ކުޅުންތެރިއެއްގެ ގަޔަށް ހޮނުއަޅުމުން އޭނާ މަރުވެއްޖެ

ދަނޑަށް ހޮނުއެޅިވަގުތުގެ މަންޒަރެއް----

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޯގަސްޓު 2026، 04:40

06 އޯގަސްޓު 2026، 04:40

ތައިލެންޑުގެ ދެކުނުގައި އޮންނަ ސުންގައި ގޮލޮކްގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ދަނޑަށް ހޮނުއެޅުމުގެ ސަބަބުން ކުޅުންތެރިއަކު މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު "ސަންތިޕަޕް ސްޓޭޑިއަމް" ގައެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ސޮފްވާން އަވާއޭ ނަމަކަށް ކިޔާ ކުޅުންތެރިއެކެވެ. އޭނާއަކީ ތައިލެންޑުގެ ތިންވަނަ ޑިވިޛަންގެ ކުލަބެއް ކަމަށްވާ "ޔަލާ އެފްސީ" އަށް ދާދި ފަހުން ސޮއިކޮށްފައިވާ ކުޅުންތެރިއެކެވެ.

ފުލުހުންގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮނުއެޅުމާ ގުޅިގެން ސޮފްވާންއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށާއި، އިމަޖެންސީ މެޑިކަލް ޓީމުތަކުން އޭނާ ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ މަރުވެފައިވާ ކަމަށެވެ.

މި ބިރުވެރި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މަންޒަރުތަކުން ފެންނަ ގޮތުގައި ދަނޑުމަތީގައި ތިބި ކުޅުންތެރިންގެ ކައިރިއަށް ކުއްލިއަކަށް ހޮނުއަޅައި، ބާރުގަދަ ގޮވުމެއްގެ އަޑު އިވެއެވެ. މި ހާދިސާ ހިނގިއިރު ކުޅެމުންދިޔައީ "ގޮލޮކް އެފްއޭ ކަޕް" ގައި ސޭމްކޯލްޓްސް  އަދި އަބޫ އެކްސް ނޮންގް ސިރިން ބައްދަލުކުރި މެޗެވެ. ސޮފްވާން ކުޅެމުންދިޔައީ ސޭމްކޯލްޓްސް ޓީމަށެވެ.

ހޮނުއެޅި ވަގުތު އޭނާގެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ ވަގުތުން އޭނާގެ ގާތަށް ގޮސް އެހީތެރިކަން ފޯރުކޮށްދީ، ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އަނިޔާވި އަނެއް 12 ކުޅުންތެރިންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ކުޅުންތެރިއަކުވެސް ހިމެނެއެވެ.

ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2020 އިން 2024 އާ ދެމެދު އެ ގައުމުގައި 283 މީހަކަށް ހޮނުއެޅުމުގެ ހާދިސާތައް ކުރިމަތިވެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން ވަނީ ހާދިސާ ހިނގި ތަނުގައި މަރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450