ދުނިޔެ
އެމެރިކާއިން ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އެމެރިކާއިން އިރާނުގެ ސަރަހައްދަކަށް ދިން ހަމަލާއެއްގެ ސަބަބުން ދުންއަރަނީ. ފޮޓޯ: ސީޑީއެފް
އެމެރިކާއިން އީރާނުގެ ސަރަހައްދުތަކަށް އާ ހަމަލާތަކެއް ދީފިނަމަ، ގަލްފު ސަރަހައްދުގެ ހަކަތަ އުފައްދާ މުހިންމު ވަސީލަތްތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އެމެރިކާގެ ބައިވެރިންނަށް ދީފިއެވެ.
މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެ ގައުމުގެ ހަކަތައިގެ ނެޓްވޯކަށް ހަމަލާދޭނެ ކަމަށް ބުނުމާއި ގުޅިގެންނެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ސައުދީ އަރަބިއްޔާ، ތުރުކީ، ގަތަރު އަދި ޕާކިސްތާނުގެ އަސްކަރީ ވެރިޔާއާ ބައްދަލުކުރައްވައި، އާ ހަމަލާތަކެއް ނުދިނުމަށް ޓްރަމްޕަށް ނަސޭހަތްތެރިވުމަށް އެދިވަޑައިގެންފައެވެ. އަރަގްޗީ ވިދާޅުވީ އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، އެ ގައުމުން ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެކެވެ. ނަމަވެސް، ހަމަލާއެއް އަތުވެއްޖެނަމަ މުޅި ސަރަހައްދު "އަލިފާން ބޯޅައަކަށް" ވެގެންދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މިކަމާ ގުޅިގެން ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާނުން ވަނީ ހަނގުރާމައަކަށް ނުގޮސް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް އެމެރިކާއަށް ބާރުއަޅާފައެވެ.
ސައުދީ އަރަބިއްޔާގެ މަސްދަރުތަކުން ބުނާ ގޮތުގައި، އިތުރަށް މަސްރަހު ގޯސްވުމަކީ ހަމައެކަނި ހަލާކާއި ސުންނާފަތިކަން ގެނުވާނެ ކަމެކެވެ. އެހެންކަމުން ޑިޕްލޮމެސީއަށް ފުރުސަތު ދިނުމަށް ޓްރަމްޕްގެ ކިބައިން ވަނީ އެދިފައެވެ. ހަމައެއާއެކު، ސައުދީން ވަނީ އެ ގައުމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ދިފާއުގައި ތެދުވާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.
އީރާނުގެ ދީނީ ލީޑަޝިޕުން ތަކުރާރުކޮށް އެދެމުންދަނީ ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށެވެ. އަދި އެމެރިކާއަށް ޖާސޫސީ މައުލޫމާތު ހިއްސާކުރުން ހުއްޓާލުމަށްވެސް ގަލްފުގެ ގައުމުތަކަށް ވަނީ ގޮވާލާފައެވެ. "ދުޝްމަނުން އީރާނުގެ އިންފްރާސްޓްރަކްޗަރަށް ނުރައްކާ ކުރަމުންދާނަމަ، އީރާނަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ރައްދުގައި ދޭނަން،" އީރާނުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި މަސްރަހުގެ ސަބަބުން ގަލްފުގެ ގައުމުތައް ވަނީ ދަތި އުނދަގޫ ހާލަތެއްގައެވެ. އެއީ އެ ގައުމުތަކަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ، އަދި ހަކަތަ އެކްސްޕޯޓް ކުރުމަށް ބަރޯސާވާ ގައުމުތަކަށް ވާތީއެވެ. އޮގަސްޓް 2 ވަނަ ދުވަހު ޓްރަމްޕް ބުނީ، އަވަސް އެއްބަސްވުމަކަށް އާދެވޭނަމަ އީރާނަށް ދޭން އުޅުނު ހަމަލާ ކެންސަލް ކުރަން އެއްބަސްވާ ކަމަށެވެ.