ދުނިޔެ

ލުބުނާނުގެ ނޫސްވެރިޔާ ޚަލީލް ޝަހީދުކޮށްލުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް ބުނެފި

ލުބުނާނުގެ ނޫސްވެރިޔާ ޚަލީލް ޝަހީދުކޮށްލުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް ބުނެފި

ލުބްނާންގެ ނޫސްވެރިޔާ އަމަލް ޚަލީލް. ފޮޓޯ:އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޯގަސްޓު 2026، 07:41

06 އޯގަސްޓު 2026، 07:41

ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ނޫސްވެރިޔާ އަމަލް ޚަލީލް އިތުރު ނޫސްވެރިއަކު ޒަޚަމްކޮށްލި ހާދިސާއަކީ ހަނގުރާމައިގެ ކުށެއް ކަމަށް ބެލެވޭ ކަމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އަލް-ތީރީ އަވަށުގައެވެ. މިއީ އިސްރާއީލާއި ލުބުނާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިނގި ހާދިސާއެކެވެ. ލުބުނާނުގެ އަލް-އަޚްބާރު ނޫހުގެ ރިޕޯޓަރު، އުމުރުން 42 އަހަރުގެ ޚަލީލާއި ފްރީލާންސް ކެމެރާމަން ޒައިނަބް ފަރަޖް އިމާރާތެއްގެ ތެރޭގައި ހިމާޔަތް ހޯދީ އެމީހުން ދަތުރުކުރި ކާރުގެ ކުރިމަތީގައި އޮތް އުޅަނދަކަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެންނެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އާއި އެމްނެސްޓީ އިންޓަނޭޝަނަލް އަދި ލުބުނާނުގެ 'ދަ ލީގަލް އެޖެންޑާ'އިން ވަނީ މި ހާދިސާގެ ވަކިވަކި ތަހުގީގުތަކެއް ހިންގާފައެވެ. އެޗްއާރުޑަބްލިއުއިން ބުނި ގޮތުގައި އިސްރާއީލުގެ ހަމަލާތަކަކީ "ގަސްދުގައި އާންމުންނަށާއި އާންމު ތަންތަނަށް އަމާޒުކޮށްދިން ހަމަލާތަކެއް" ކަމަށް ފެންނާތީ، މިއީ ހަނގުރާމައިގެ ކުށަކަށް ވާނެއެވެ. އެމްނެސްޓީން ވެސް ވަނީ މިއީ އާންމުންނަށް ދިން ސީދާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ޖަމާއަތްތަކުން ފާހަގަކުރި ގޮތުގައި، ހަމަލާދިން ސަރަހައްދުގައި އިސްރާއީލުގެ ޑްރޯންތައް އޮޕަރޭޓް ކުރަމުންދިޔުމުން، އެއީ އާންމުންކަން އިސްރާއީލު ސިފައިންނަށް އެނގެންޖެހޭނެއެވެ. ނަމަވެސް އިސްރާއީލު ސިފައިން ބުނެފައިވަނީ އެމީހުން ހަމަލާދިނީ ހިޒްބުالله އިން ބޭނުންކުރާ އަސްކަރީ އިމާރާތަކުން ނުކުތް އުޅަނދަކަށް ކަމަށާއި، އޭގެ ފަހުން އެމީހުން ވަން އިމާރާތަށް ވެސް ހަމަލާދިނީ ކަމަށެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ލުބުނާނުގައި 15 ނޫސްވެރިން މަރާލާފައިވެއެވެ. މީގެ ތެރޭގައި ރޮއިޓާސްގެ އިއްސާމް އަބްދުالله ވެސް ހިމެނެއެވެ.

އެމްނެސްޓީގެ ހީބާ މޮރަޔެފް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ލުބުނާނުގައި ނޫސްވެރިންނާއި އާންމުން މަރަމުންދާއިރު އިސްރާއީލު ސިފައިންނަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމަކީ، އާންމުންނަށް އަމާޒުކޮށް ގާނޫނާ ހިލާފު ހަމަލާތައް ދިނުމަށް އެ ގައުމުގެ އަސްކަރިއްޔާއަށް ލިބޭ ހިތްވަރެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450