ދުނިޔެ
އެމެރިކާއާއެކު ހަނގުރާމައިގެ ބިރު އޮތުމުން އީރާނުގެ ދާޚިލީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި
އީރާނުގެ މަގެއްގެ މައްޗަށް އެއްވެފައިތިބި ބައެއް. ފޮޓޯ:އޭޕީ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި، މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ސަރުކާރުން އެގައުމުގެ ދާޚިލީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފިއެވެ.
ޚާއްސަކޮށް ވެރިރަށް ތެހެރާނުގައި ސަލާމަތީ ބާރުތަކުންނާއި އަޚްލާގީ ފުލުހުން ވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އީރާނުގެ އަސްކަރީ އަދި ސިޔާސީ އިސްވެރިން ވިދާޅުވަނީ ބޭރުގެ އުދުވާންތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި "ދާޚިލީ އެއްބައިވަންތަކަން" ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މި މަގްސަދުގައި މަޖުބޫރު ހިޖާބު އެޅުވުމާއި، ގަވާއިދާ ޚިލާފުވާ ވިޔަފާރިތައް ބަންދުކުރުމުގެ އިތުރުން، ދަރިވަރުންނާއި ވަކީލުންނަށް ކުރިމަތިކުރާ ފިއްތުންތައް ވެސް ވަނީ އިތުރުވެފައެވެ. ސަރުކާރާ ދެކޮޅު އެއްވެސް ހަރަކާތަކަށް މިހާރު އެގައުމުގައި ޖާގައެއް ނެތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ހާމަކުރެއްވި ގޮތުގައި، މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކުށްތަކުގައި 56 މީހަކު ވަނީ ފިޔަވަޅުއަޅައިފައެވެ. މީގެ ތެރޭގައި ޖެނުއަރީ މަހު ކުރި މުޒާހަރާތަކާ ގުޅުންހުރި 27 މީހަކު ހިމެނެއެވެ. އީރާނުގެ ޖުޑީޝަރީން ބުނަނީ މި ފިޔަވަޅުތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކަށް ދެވޭ އިންޒާރެއް ކަމަށާއި، މިއީ ސަލާމަތީ ބާރުތަކުގެ މީހުން މެރުމާއި މުދަލަށް ގެއްލުން ދިނުމުގެ ބަދަލު ހިފުން ކަމަށެވެ.
އިސްފަހާންގެ އަލީޚާނީ މައިދާނުގައި ދާދި ފަހުން ދެ ޒުވާނަކު ވަނީ އާންމުންގެ ކުރިމަތީގައި ދަންޖައްސާފައެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ "މާތްﷲ އާ ދެކޮޅަށް ހަނގުރާމަކުރުން" ނުވަތަ މުހާރެބާގެ ދައުވާއެވެ. މި އަމަލު ހުއްޓުވަން މަސައްކަތް ކުރި އާންމުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ޖެނުއަރީ މަހުގެ މުޒާހަރާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަޑީގައި ތިބެގެން ހިންގި "ބަޣާވާތެއް" ކަމަށް ތުހުމަތުކުރައްވާފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެ މުޒާހަރާތަކުގައި ސީ.އައި.އޭ އާއި މޮސާޑްގެ އެޖެންޓުން ހަރަކާތްތެރިވެފައިވެއެވެ. މި ހަމަނުޖެހުންތަކުގައި 3,117 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، އީރާނު ސަރުކާރުން ވަނީ މުޒާހަރާތަކާއި ހަނގުރާމައިގެ ދަނޑިވަޅުގައި މުޅި ގައުމުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ. މިހާރު ބައެއް ޚިދުމަތްތައް އިއާދަކޮށްފައިވީ ނަމަވެސް، އިންޓަނެޓްގެ ދުވެލި ވަނީ ވަރަށް ބޮޑަށް ލަސްކޮށްފައެވެ. އަދި ދުނިޔޭގެ ގިނަ މެސެޖިންގް އެޕްތަކާއި ވެބްސައިޓްތައް ވަނީ ބްލޮކްކޮށްފައެވެ. އދ. ގެ ތަޖުރިބާކާރުން ވިދާޅުވަނީ މި ފިޔަވަޅުތަކުގެ ބޭނުމަކީ "މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފައްދައި، އިދިކޮޅު އަޑުތައް ކަނޑުވާލުން" ކަމަށެވެ.