ދުނިޔެ

މޯދީގެ ޕޯސްޓް ބްލޮކް ކުރެވުނު މައްސަލާގައި މެޓާ އިން މާފަށް އެދިއްޖެ

މޯދީގެ ޕޯސްޓް ބްލޮކް ކުރެވުނު މައްސަލާގައި މެޓާ އިން މާފަށް އެދިއްޖެ

މެޓާ ގެ ބާނީ އަދި ބޮޑު ވަޒީރު މޯދީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 09:48

07 އޯގަސްޓު 2026، 09:48

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް އޮޅުމަކުން ރެސްޓްރިކްޓް ކުރެވުނު މައްސަލާގައި، ފޭސްބުކްގެ މައި ކުންފުނި މެޓާގެ ފަރާތުން އިންޑިއާ ސަރުކާރުގެ ކިބައިން ރަސްމީކޮށް މާފަށް އެދިއްޖެއެވެ.

މެޓާގެ ޗީފް ގްލޯބަލް އެފެއާޒް އޮފިސަރު ޖޮއެލް ކަޕްލާން ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިދިޔަ ޖުލައި މަހު ބޮޑުވަޒީރު މޯދީ ކުރެއްވި ޕޯސްޓެއް ވަގުތީ ގޮތުން ހިފެހެއްޓުނީ އޮޕަރޭޝަނަލް ގޯހަކުން ކަމަށެވެ. މި ކަމާ ގުޅިގެން އިންޑިއާގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރާ ބައްދަލުކޮށް، ކުންފުނީގެ ފަރާތުން މާފަށް އެދިފައިވާނެ ކަމަށް ކަޕްލާން ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވީ ބޮޑުވަޒީރުގެ ޕޯސްޓް ބްލޮކް ކުރި ސަބަބު ސާފުކުރުމަށް އިންޑިއާ ސަރުކާރުން މެޓާގެ އިސްވެރިން ހާޒިރުކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކޮށް ފޭސްބުކްގައި ދައުރުވި ވީޑިއޯތަކަކާ ގުޅިގެން ހައިދަރުއާބާދު ފުލުހުން ވަނީ މެޓާ އިންޑިއާގެ އިސްވެރިޔާ އަރުން ސްރިނިވާސްއާ ދެކޮޅަށް މައްސަލައެއްވެސް ރަޖިސްޓްރީކޮށްފައެވެ.

މި ދުވަސްވަރަކީ އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވި މައްސަލާގައި ޒުވާނުން ނުކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދުވަސްވަރެކެވެ. މި މުޒާހަރާތަކުގެ ތެރެއިން ސޯޝަލް މީޑިއާގައި ބޮޑުވަޒީރަށް އަމާޒުކޮށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަންނަމުންނެވެ.

ހަމައެއާއެކު، މެޓާގެ ސީއީއޯ މާކް ޒަކަބާގް ވެސް ވަނީ އިންޑިއާ ސަރުކާރުގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. ޒަކަބާގް މާފަށް އެދިވަޑައިގަތީ އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ކޮންޓެންޓާއި، "ޑީޕްފޭކް" ވީޑިއޯތައް ފެތުރެމުންދާ މައްސަލައިގައެވެ.

މިދިޔަ ޖުލައި މަހު އިންޑިއާ ސަރުކާރުން ވަނީ އިންސްޓަގްރާމްގައި ހުރި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކޮންޓެންޓްތައް ވަގުތުން ނެގުމަށް މެޓާއަށް އަމުރުކޮށްފައެވެ. މިކަމާ ގުޅިގެން މެޓާއިން ބުނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެ ކުންފުނިން ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެއް ކަމަށާއި، އެފަދަ ކަންކަން ދެނެގަތުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންދާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450