ދުނިޔެ

ތުރުކީ، ސައުދީ އަދި ޕާކިސްތާނުން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރަނީ

ތުރުކީ، ސައުދީ އަދި ޕާކިސްތާނުން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރަނީ

ތުރުކީގެ ރައީސް އަދި ސައުދީ ރަސްގެފާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 01:57

07 އޯގަސްޓު 2026، 01:57

އިސްލާމީ ދުނިޔޭގެ ނުފޫޒުގަދަ ތިން ގައުމު ކަމަށްވާ ތުރުކީވިލާތް، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމަށް ނިންމައިފިއެވެ. މިއީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަހައްދީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި، މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ހުންނަ މައްކާގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ހެނދުނު ސައުދީއަށް ވަޑައިގަންނަވާނެއެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިހާރު ހުންނެވީ ޖިއްދާގައެވެ.

އަންކާރާގެ މަސްދަރުތަކުން މަޢުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުން އަންނަ މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގެ ބާރުގެ މިނިކިރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މި އެއްބަސްވުން ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިއްޖެނަމަ، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ

       މަސްދަރަކުން ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި އެއް ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ "މިއުޗުއަލް ޑިފެންސް" މާއްދާއެއް ހިމެނޭކަން އަދި ކަށަވަރު ނުވި ނަމަވެސް، މިއީ ތިން ގައުމުގެ ދެމެދުގައި އޮންނަ ދިފާޢީ އެއްބާރުލުން އިންތިހާއަށް ވަރުގަދަވެގެންދާނެ ކަމެކެވެ. ސައުދީ އަރަބިއްޔާއަކީ އިސްލާމީ ދުނިޔޭގެ އެންމެ މުއްސަނދި އިގްތިސާދު ކަމަށްވާއިރު، ޕާކިސްތާނަކީ ނިއުކްލިއަރ ބާރު ހުރި ހަމައެކަނި އިސްލާމީ ގައުމެވެ. އަދި ތުރުކީއަކީ ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު ލަޝްކަރު އޮތް ގައުމެވެ.

މީގެ ކުރިން ބައެއް މައްސަލަތަކުގައި ތުރުކީ އާއި ސައުދީއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައެވެ. ޚާއްޞަކޮށް، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި، ލުބުނާނާއި ސޫރިޔާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އިސްލާމީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.

މި އައު އިއްތިހާދުގެ ސަބަބުން ތިން ގައުމުން ކުރިން ބައިވެރިވެފައިވާ އެހެން އެއްވެސް އިއްތިހާދަކަށް ނުވަތަ ވައުދަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއީ މެދުއިރުމަތީގެ ސަލާމަތީ މަސްރަހަށް އަންނާނެ ވަރަށް ތާރީޚީ ބަދަލެއް ކަމަށް މުހައްލިލުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450