ވިޔަފާރި / ޚަބަރު

ހަލާލް ޓޫރިޒަމާއެކު 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި

ހަލާލް ޓޫރިޒަމާއެކު 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި

ރާއްޖޭގެ ރިސޯޓެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 02:58

07 އޯގަސްޓު 2026، 02:58

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ސިންދަފާތުކުރުމުގެ މަގުސަދުގައި، ހަލާލް ޓޫރިޒަމް ހިމެނޭހެން 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމަށް ދޫކުރުމަށް އިޢުލާނުކުރި  ފަހަރެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ޚާއްސަ އިސްކަމެއް ދީފައިވަނީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރާ "ހަލާލް ޓޫރިޒަމް" ކޮންސެޕްޓަށެވެ.

ހަލާލް ޓޫރިޒަމަށް ތިން ސަރަހައްދެއް

މި ބީލަންތަކުގެ ތެރެއިން ހަލާލް ޓޫރިޒަމަށް ޚާއްސަކޮށްފައިވަނީ ތިން ސަރަހައްދެކެވެ. އެއީ:

  • ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅެއް (މަދުވެގެން 150 އެނދު)
  • ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިން (މަދުވެގެން 100 އެނދު)
  • ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދު (މަދުވެގެން 100 އެނދު)

މި ސަރަހައްދުތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ. އެގޮތުން އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދޭންޖެހެއެވެ. އަދި މުވައްޒަފުންނާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރުން މިއީ ލާޒިމު ކަމެކެވެ.

އުތުރުގެ އަތޮޅުތަކަށް ބޮޑު އިސްކަމެއް

ސަރުކާރުން ވަނީ އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށް 10 ފަޅެއް ބީލަމަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށްވާއިރު، މި ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ.

މީގެ އިތުރުން ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލި ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. މީގެ ތެރެއިން ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިޔަން ޑޮލަރެވެ. މިއީ މި ބުރުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ސަރަހައްދެވެ.

އިނާޔަތްތަކާއި ސުންގަޑި

މި މަޝްރޫޢުތަކުގެ ދަށުން ރިސޯޓު ތަރައްޤީކުރުމަށް 36 މަސްދުވަހުގެ މުއްދަތެއް ދޭއިރު، ބިން ހިއްކުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ބީލަން ހުށަހަޅާ ފަރާތްތަކަށް ދޭ އިނާޔަތްތަކަށް ބަލާއިރު، އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫޢުތަކަށް %20 ގެ އިނާޔަތް ލިބޭނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް މީޓިންތައް ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450