ދުނިޔެ

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވުމުން މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވުމުން މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ެމެޓާގެ ބާނީ މާކް ޒަކާބާގް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 04:27

07 އޯގަސްޓު 2026، 04:27

އެމެރިކާގެ ނިއު މެކްސިކޯގެ ފަނޑިޔާރަކު، ސޯޝަލް މީޑިއާގެ މެޓާ ކުންފުނިން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އިހުމާލުވެފައިވާތީ، 567 މިލިއަން ޑޮލަރުން އެ ކުންފުނި ޖޫރިމަނާކުރުމަށް އަމުރުކޮށްފިއެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މިހާތަނަށް ކުންފުންޏަކާ ދެކޮޅަށް އިއްވި އެންމެ ބޮޑު ޖޫރިމަނާގެ ހުކުމެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ބްރަޔަން ބީޑްޝައިޑް ވިދާޅުވީ، މެޓާގެ ޕްލެޓްފޯމްތަކަކީ "އާންމު އުނދަގުލެއް" ކަމަށާއި، އެއީ ވައި ނުތާހިރުވުން ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ ޚާއްޞަ ފަންޑަކަށް ޖަމާކުރަންޖެހޭނެ ކަމަށާއި، އެ ފައިސާ ބޭނުންކުރަންވާނީ ކުރިމަތީގައި ކުޑަކުދިންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަމަށްވެސް ފަނޑިޔާރުގެ ހުކުމުގައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއްވި މި ހުކުމަކީ މީގެ ކުރިން މި މައްސަލައިގައި އިއްވާފައިވާ 375 މިލިއަން ޑޮލަރުގެ ޖޫރިމަނާއާ އިތުރުވި އަދަދެކެވެ. މިއާއެކު މި މައްސަލައިގައި މެޓާއިން ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު މިވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު ބީޑްޝައިޑް މެޓާ ސިފަކުރެއްވީ ފެކްޓްރީއެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފެކްޓްރީގެ އުފެއްދުމަކީ އިޝްތިހާރާއި ކޮންޓެންޓެވެ. އަދި އެ އުފެއްދުމުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ނަފްސާނީ ގެއްލުމާއި ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމަކީ އެ ފެކްޓްރީން ބޭރުކުރާ "ތަޣައްޔަރު" ނުވަތަ ޕޮލިއުޝަން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސްޓަގްރާމް، ފޭސްބުކް، ވަޓްސްއެޕް އަދި ތްރެޑްސް ހިންގާ މެޓާ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ، މި ހުކުމާ އެ ކުންފުނިން އެއްބަސްނުވާ ކަމަށާއި، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި ކުންފުނީގެ ޕްލެޓްފޯމްތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހަގީގަތާ ޚިލާފު ވާހަކަތަކުން ދިފާއުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ސްޓޭޓަކުން ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މެޓާއާ ދެކޮޅަށް ކުރި ދައުވާއެއް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުންވެސް، އެމެރިކާގެ އެކި ކޯޓުތަކުގައި މިފަދަ އެތައް ހާސް މައްސަލައެއް މެޓާއާ ދެކޮޅަށް މިހާރުވެސް ދަނީ ހިނގަމުންނެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ލޮސް އެންޖެލިސްގައި ބެލި މައްސަލައެއްގައި، އެޑިކްޓްވާ ނުވަތަ ދެވިހިފާ ފަދަ ޕްލެޓްފޯމްތައް އުފެއްދުމުގެ ޒިންމާ މެޓާއިން އުފުލަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450