ޚަބަރު
ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި
ވެލިދޫގައި ގާއިމުކުރި ޕާކް ހުޅުވައިފި - ފޮޓޯ އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ނޫނު އަތޮޅު ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ނިންމައި، މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަޝްރޫޢަކީ ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި އެފަދަ ވަސީލަތެއް ޤާއިމްކޮށްދެއްވުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ވެލިދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.
ސަރުކާރުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 46 ރަށެއްގައި ޕާކުތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ މައިގަނޑު ފަސް ކުންފުންޏަކާއެވެ. އެއީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗުގައި 14 ރަށެއްގެ މަސައްކަތް ހިމެނޭއިރު، ދެވަނަ ބެޗުގައި 32 ރަށެއްގެ ޕާކު ތަރައްޤީކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
ވެލިދޫގައި މިއަދު ހުޅުވުނު މި ޕާކަކީ އެ ރަށުގެ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބިނާކުރެވުނު ތަނެކެވެ. މި ޕާކާއެކު ރަށުގެ އިޖުތިމާޢީ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.