ޚަބަރު
ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފި
ވީއައިއޭގައި ބޭއްވި ސިއްހީ އެމަޖެންސީ އެކްސަސައިޒް - ފޮޓޯ: ވީއައިއޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ޕާޝަލް އިމަޖެންސީ އެކްސަސައިޒް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެއަރޕޯޓުގައި ސިއްހީ ކުއްލި ނުރައްކަލެއް ދިމާވާ ހާލަތެއްގައި ކަމާގުޅޭ އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މަސައްކަތްތައް ހަރުދަނާކުރުމެވެ.
މި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި ބިއޯންޑް އެއާލައިނުން އަމަލީ ގޮތުން ބައިވެރިވެ، ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔަ އިރު، އެއަރޕޯޓުގެ އާންމު އޮޕަރޭޝަންތަކަށާއި ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުފަތުރަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. މިއީ މިފަދަ ތަމްރީނެއް ކުރިއަށް ގެންދިޔުމުގައި ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފާހަގަކުރެއެވެ.
އެމްއޭސީއެލް އިން ބުނީ އެއަރޕޯޓުގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭކަން ކަށަވަރުކުރުމަށް ތަފާތު ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށެވެ.
ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ އެންމެ ބޮޑު ތަމްރީނު ހަރަކާތަކީ "އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް" (އެފެކްސް) އެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތަށް ވާއިރު، އެންމެ ފަހުން މި ހަރަކާތް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
މިއަދުގެ މި ފަރިތަކުރުންތަކަކީ އެއަރޕޯޓަކީ ދަތުރުވެރިންނަށާއި މުވައްޒަފުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރެވޭ މުހިންމު މަސައްކަތުގެ ބައެކެވެ.