ޚަބަރު
ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ތަޢާރަފްކޮށްފި
ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކުރުން---
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މިއީ އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ސަރުކާރު ހަވާލުވިއިރު މި ޚިދުމަތް ލިބެމުން ދިޔައީ ރާއްޖޭގެ މަދު ރަށަކުން ނަމަވެސް، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ގައްދޫގައި މި ޚިދުމަތް ފެށުމާއެކު، ގދ. އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. މީގެ ކުރިން 2023 ވަނަ އަހަރު ވަނީ އެ އަތޮޅު ތިނަދޫ ސިޓީގައިވެސް މި ޚިދުމަތް ތަޢާރަފުކޮށްފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވާ މަރުކަޒެއްގެ ގޮތުގައި ތިނަދޫ ނުވަތަ ގައްދޫ އިޚްތިޔާރު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި މިއަދު ވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައި. pic.twitter.com/Gr3xvrx89a
— Maldives Immigration (@ImmigrationMV) August 8, 2026
ސަރުކާރުގެ މައިގަނޑު އަމާޒަކީ މީގެ ކުރިން މާލެއިން އެކަނި ލިބެމުންދިޔަ އަސާސީ ޚިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތެރޭގެ ރަށްތަކުން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމެވެ. މިގޮތުން ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށުން ނުވަތަ އެ ރަށަކާ އެންމެ ކައިރިން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ތަރުތީބު ކުރަމުންނެވެ.
މި އަމާޒަށް ވާޞިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި ރަށްރަށުގައި ބޭންކް އޭޓީއެމްތައް ބެހެއްޓުމާއި، ހުރިހާ އަތޮޅަކުން ޕާސްޕޯޓާއި އައިޑީ ކާޑު ހެދޭނެ ގޮތް ހެދުމާއި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ފެށުން ހިމެނެއެވެ. މީގެ އިތުރުން، ކުރިން އަތޮޅު އަދި ސަރަޙައްދީ ހޮސްޕިޓާތަކުން ނުލިބޭ ޚާއްޞަ ފަރުވާތައް ޤާއިމުކުރުމާއި، ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް އަތޮޅުތަކުގައި ބިނާކުރުން ފަދަ މުހިންމު މަޝްރޫޢުތައް ސަރުކާރުން ދަނީ ބާރުދުވެލީގައި ކުރިއަށް ގެންދަމުންނެވެ.