ޚަބަރު
ދަނޑުވެރި ނަފާ ލޯނާއި މަންފާ ގްރާންޓުގެ ދެވަނަ ބުރު އިފްތިތާހުކޮށްފި
ދަނޑުވެރި ނަފާ ލޯނާއި މަންފާ ގްރާންޓުގެ ދެވަނަ ބުރު އިފްތިތާހުކުރުން / ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ދަނޑުވެރި މަންފާ" ގްރާންޓާއި "ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ ދެވަނަ ބުރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ސްކީމްތައް އިފްތިތާހުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހއ. ކެލަޔަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މިއީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން، ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކެކެވެ.
"ދަނޑުވެރި މަންފާ" ގްރާންޓަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)" ގެ ދަށުން ދޫކުރާ އެހީއެކެވެ. ޖުމްލަ 15 މިލިއަން ރުފިޔާގެ މި ގްރާންޓް ސްކީމްގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި ފަހަރު ވެސް ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި 'ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން' ނުވަތަ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމަށެވެ. މީގެ ތެރޭގައި ގްރީންހައުސްތައް ބިނާކުރުމާއި، ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ. މި ގްރާންޓަށް ކުރިމަތިލެވޭނީ މެޕް ޕްރޮގްރާމް ހިނގަމުންދާ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި، އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
ދަނޑުވެރި މަންފާ ގްރާންޓާއި، ދަނޑުވެރި ނަފާ ލޯނު، ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހް ކޮށްދެއްވައިފިއެވެ.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 8, 2026
މިއީ "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރެވެ. ދަނޑުވެރި މަންފާ ގްރާންޓް އަކީ އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން… pic.twitter.com/m9uYIrnogk
މީގެ އިތުރުން "ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީއަކީ މީގެ ކުރިން އާންމު ލޯނު ސްކީމެއްގެ ގޮތުގައި ހިންގަމުންދިޔަ "ނަފާ ލޯން ސްކީމް" އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކުރުމަށްފަހު، ހުޅުވާލި ފުރަތަމަ ފަހަރެވެ. މި ފެސިލިޓީގެ ދަށުން އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އަދި އެގްރޯ ޕްރޮސެސިން ފަދަ މަސައްކަތްތަކަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވުޒާރާގެ މެންޑޭޓާ އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސާވިސްއާއި ޕެޓް ފާމް ފަދަ ޚިދުމަތްތަކަށްވެސް މި ސްކީމުން އެހީތެރިކަން ލިބޭނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤުޞަދަކީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދުގައި ދަނޑުވެރިކަމުގެ ހިއްސާ އިތުރުކުރުމެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ދަނޑުވެރިކަން ކުރުމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި މަސައްކަތުގެ މުހިންމު ބޭނުމެކެވެ.