ޚަބަރު
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވުން / ފޮޓޯ: މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް
ނ. ކެނދިކުޅުދޫގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މި ޕާކު ހުޅުވުމަށްޓަކައި ކެނދިކުޅުދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.
ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ މައިގަނޑު ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގައި ބައިވެރިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، އާރް.ޑީ.ސީ، އެސް.ޓީ.އޯ އަދި އެޗް.ޑީ.ސީއެވެ.
ނ. ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވައިފިއެވެ.
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 8, 2026
މި ޕާކު ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު ހުޅުވައިދެއްވީ މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި އާރު.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ… pic.twitter.com/10Om6CDbpM
ޕާކުތައް ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗުގައި 14 ރަށެއްގެ މަސައްކަތް ހިމެނޭއިރު، ދެވަނަ ބެޗުގައި 32 ރަށެއްގެ ޕާކު ތަރައްޤީކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ކެނދިކުޅުދޫގައި މިއަދު ހުޅުވުނު ޕާކަކީ އެ ރަށުގެ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބިނާކުރެވުނު ތަނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީގެ އިތުރުން އިޖުތިމާއީ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ މަޝްރޫޢެކެވެ.