ޚަބަރު
"ފްރެންޑް 4" ދޯނިން ގެއްލުނު މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ / ފޮޓޯ: އެމްއެންޑީއެފް
"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި، މިހާތަނަށް ކުރި މަސައްކަތުން އެމީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މި ހާދިސާގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލާ ފާސްކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޖުމްލަ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22 ހާއިރުއެވެ. ގިނަ އަދަދެއްގެ މުދަލާއެކު ދޯނި އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ކަނޑުމަތިން ސަލާމަތް ކުރެވިފައެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ކަނޑުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ ފުލުސް ސާޖަންޓް އަލީ ނާފިއު އާއި، ސިފައިންގެ ބޭކަލެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫންއެވެ.