ޚަބަރު
ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ
ދޯނި ހޯދުމުގެ މަސައްކަތް. ފޮޓޯ: އެމްއެންޑީއެފް
"ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ބޭރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިކަން ހާމަކުރެއްވީ މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ދިފާޢީ ވުޒާރާއާއި، ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ އިތުރުން އެމްއެންޑީއެފް އަދި ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ކަމަށާއި، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
@MoFAmv is working closely with @MoDmv @MNDF_Official , @HomeMinistrymv & @PoliceMv following the capsizing and sinking of the vessel “Friends 4”.
— Ministry of Foreign Affairs 🇲🇻 (@MoFAmv) August 8, 2026
1/3
މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33އ) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) ގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ) އެވެ. ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ސަޕްލައި ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް ކަނޑާއި ވައިގެ މަގުން 7400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ. މީގެ ތެރޭގައި ވައިގެމަގުން ބެލި 6112 އަކަ ނޯޓިކަލް މޭލާއި، ކަނޑުމަގުން ބެލި 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދު ހިމެނެއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، އަޑިއަށްދިޔަ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ބޭރުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.