ޚަބަރު
މުރައިދޫ ކައުންސިލް އައު އިމާރާތުގެ 85 އިންސައްތަ ނިމިއްޖެ
މުރައިދޫ ކައުންސިލް އައު އިމާރާތް--
ހއ. މުރައިދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައި ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.
ފަރުދުން މީޑިޔާއަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލު އިދާރާއިން ވިދާޅުވީ، މި އަހަރުގެ ނިޔަލަށް އެ އިމާރާތުގެ މަސައްކަތް ނިންމާ ހަވާލުކުރެވޭނެ ކަމަށް ކޮންޓްރެކްޓަރ މައުލޫމާތުދެއްވާ ކަމަށެވެ.
މުރައިދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ އެ އިމާރާތް ހިޔާކޮށް ސީލިންގް ކުރުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅާފައި ވަނީ، 2025 ވަނަ އަހަރުގެ ޖެނުވަރީ މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެވެ.
މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެ، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލް އިދާރާ ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރް.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލުގެ މަސައްކަތެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މި ދައުރުގެ ތެރޭގައި އައު އިމާރާތްތައް ގާއިމުކޮށްދެއްވުމެވެ.