ޚަބަރު
އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
އެސްއެމްއީ ޑިޖިޓަލްގެ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލްއިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް، އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށް ޓަކައި ހާއްސަ އޯޕަން ޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ.
15 އޮގަސްޓް 2026 ގައި މި ހަރަކާތް ކުރިއަށްދާނީ، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުގައެވެ. އެ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށް މި ހަރަކާތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އޯޕަން ޑޭ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. އަދި މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ ފުރުސަތުތައް މިހާރު ވާނީ ފޮނުވާފައި ކަމަށް އެ އިދާރާއިން ބުނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެއެވެ. އަދި އޮފާ ގަބޫލުކުރައްވާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. އެއާއެކު ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާލެވޭނެއެވެ.
ރީފައިނޭންސް ކުރައްވަން ވަޑައިގަންނަވާއިރު، އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށް ޓަކައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދެވުމުށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސް އަށް ބަދަލުކުރުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލެވިގެން ދިއުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މުވައްސަސާއިން ބުނެއެވެ. މިއީ، އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއްކަން އެ މުވައްސަސާއިން ފާހަގަކުރެއްވިއެވެ.
މިއީ، އެސްއެމްއީ ޑިޖިޓަލްއަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެއް ކަމަށް އެ މުވައްސަސާއިން ބުނެއެވެ.