ޚަބަރު
ވިލިމާލެ ހޮސްޕިޓަލު ބަދަލުކުރާ އަމާން ހިޔާގެ މަސައްކަތް މިމަހު ނިންމަނީ
ވިލިމާލެ ހޮސްޕިޓަލް. ފޮޓޯ: ޢަދަދު
ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ވިލިމާލޭގައި އަލަށް ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ތަނަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އަމާން ހިޔާ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޕާޓިޝަން ޖެހުމާއި ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. "އަމާން ހިޔާގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދަނީ" ނަޒީމް ވިދާޅުވިއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ސަރުކާރުން ނިންމާފައިވަނީ ވިލިމާލޭގައި މިހާރު ޚިދުމަތްދޭ ހޮސްޕިޓަލް ތަޅާލައި، އެ ބިމުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 100 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ބިނާކުރުމަށެވެ. މި ހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތްތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ. މިހާރު މި މަޝްރޫޢުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
އަލަށް ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. މީގެ އިތުރުން އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއް މި ހޮސްޕިޓަލުގައި ހިމެނޭނެއެވެ.
ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުން
15,000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދެވޭ ވަރުގެ ތަނެއް ނޫނެވެ. މިހާރު ހުރި ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހުރީ އެންމެ 3 ކޮޓަރިއެވެ. އަދި އިމަރޖެންސީގައި ބޭނުންކުރެވެނީ 5 އެނދެވެ. މީގެ ސަބަބުން ޢާންމު ބަލިތަކުގައިވެސް ވިލިމާލެ ރައްޔިތުންނަށް ޖެހެނީ މާލޭގެ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވާށެވެ.
އަމާން ހިޔާގެ މަރާމާތު ނިމި، ހޮސްޕިޓަލުގެ ޚިދުމަތް އެތަނަށް ބަދަލުކުރުމާއެކު، އައު ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ވިލިމާލޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.