ޚަބަރު
މުރައިދޫ ސްކޫލްގެ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ހަފްލާއެއް ބާއްވައިފި
މުރައިދޫ ސްކޫލްގެ ދަރިވަރުންނަށް ބޭއްވި ހަފްލާ ފޮޓޯ: މުރައިދޫ ކައުންސިލް
ހއ. މުރައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީ ގުޅިގެން، 2026 ވަނަ އަހަރުގެ ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ މުރައިދޫ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާއަކީ ކުރިއަށް އޮތް ބޮޑު އިމްތިޙާނަށް ތައްޔާރުވަމުންދާ ދަރިވަރުންގެ އަޒުމް ވަރުގަދަކޮށް، ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.
މުރައިދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހަފްލާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ މެންބަރުންނާއި، އ.ތ.މ ކޮމެޓީގެ މެންބަރުންގެ އިތުރުން އިދާރާގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ. އަދި ހަމައެހެންމެ، މުރައިދޫ ސްކޫލްގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.