ޚަބަރު
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ހުދު ސަމާލު ނެރެފި
ރާއްޖޭގެ ސަރަހައްދު ފެންނަ ސެޓެލައިޓް ފޮޓޯ / ފޮޓޯ: މެޓް އޮފީސް
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައިވަނީ ނޫނު އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި، މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
Alert white for heavy rain pic.twitter.com/BOHrjAj2Yo
— Maldives Meteorology (@MetMaldives) August 10, 2026
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުމަށް ބަލާއިރު، މެޓް އޮފީހުން ލަފާކުރާ ގޮތުގައި މާދަމާވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. ވީމާ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަ ދުވަސްވަރަކަށް ވުމުން، މޫސުން އެއްކޮށް އަލިވާނެ ދުވަހެއް ލަފާކުރަން އަދި ދަތި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.