ދުނިޔެ
ހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމާ ޚިލާފަށް އިޒްރާއިލުން ލުބްނާނަށް ހަމަލާދީފި

އިޒްރާއިލުން ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ލުބްނާންގެ އިމާރާތެއް. ފޮޓޯ: އަލްޖަޒީރާ
ހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމާއި ޚިލާފުވެ އިޒްރާއިލުން ލުބްނާނަށް ހަމަލާތަކެއް ދީފިއެވެ.
އިޒްރާއިލުން ހަމަލާތައް ދިނުން ހުއްޓާލުމަށް ވި އެއްބަސްވުމާއި ޚިލާފުވެ ދިން ހަމަލާތަކުގެ ސަބަބުން 11 މިހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ސްޓޭޓް ސެކިޔުރިޓީ އޮފިސަރެއްވެސް ހިމެނެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއި ޚިލާފުވެ އިޒްރާއިލުން ފުރަތަމަ ލުބްނާނަށް ހަމަލާދީފައިވަނީ ވައިގެ މަގުންނެވެ. ވައިގެ މަގުން ދިން މިހަމަލާގައި ދެމީހަކު ޝަހީދު ވެފައިވެއެވެ.
އެހަމަލާގެ ބަދަލު ހިފުމުގެ ގޮތިުން ހިޒްބުالله އިން ވަނީ އިޒްރާއީލުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފަ އެވެ. އެއަށްފަހު އިޒްރާއިލުން އެހަމަލާއަށް ރައްދުދިނުމަށް ވައިގެ މަގުން ސިލްސިލާކޮށް ހަމަލާދީ މަދުވެގެން ނުވަ މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.
ހިޒްބުالله އިން ހޯމަ ދުވަހު ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ތަކުރާރުކޮށް އިޒްރާއިލުން ޚިލާފުވުމުން "އިބްތިދާއީ ދިފާއީ ޖަވާބެއް" ދިނުމަށް އިޒްރާއީލުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދިނީ ކަމަށެވެ.
ހިޒްބުالله އިން ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ޢަމަލުކުރަން ފެށި ހަނގުރާމައިގެ އެއްބަސްވުމާ އިޒްރާއިލުން ޚިލާފުވެ އިޒްރާއީލުން ލުބުނާނަށް ވައިގެ ހަމަލާތައް ދެމުން ލުބްނާންގެ ދެކުނުގައި އާންމުންނަށް ބަޑިޖަހައި ލުބުނާނުގެ ވައިގެ ސަރަހައްދުގައި އިޒްރާއިލްގެ ޑްރޯން އާއި ޖެޓް އުދުހެމުންް ދާކަމަށެވެ.
އިޒްރާއިލްގެ ހަމަލާތަކަށް ރައްދު ދިނުމަށް ހިޒްބުﷲ އިން މިފެށި ހަމަލާތަކަކީ އިޒްރާއީލުގެ އިތުރު ހަމަލާތައް ހުއްޓާނެ ކަމެއް ކަމަށް ނުފެނެ އެވެ. އިޒްރާއީލުން ވަނީ ހިޒްބުاللهގެ ހަމަލާއަށް "ހަރުކަށި" ޖަވާބެއް ދިނުމަށް ވަޢުދުވެ އެތައް ވައިގެ ހަމަލާތަކެއް ދީފަ އެވެ.