ޚަބަރު
މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ވެސް ރަސްމީކޮށް ހުޅުވައިފި
މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ނ. މާޅެންދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަޝްރޫޢޫގެ މަސައްކަތް ނިންމައި، ޕާކު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިކަމަށް ޓަކައި 9 އޮގަސްޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ޕާކު ހުޅުވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ހުސައިންއެވެ.
ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި މާޅެންދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.
މި ޕާކަކީ ކުޑަކުދިންގެ ޕާކެއް ނެތް ރަށްރަށުގައި އެފަދަ ތަންތަން ބިނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ 29 މާރިޗު 2025 ގައެވެ. ފެނަކައިން މި މަސައްކަތް ނިންމާފައި ވަނީ، 19 ޖުލައި 2026 ގައެވެ.
ވި މަޝްރޫޢު ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ޕާކަށް ބޭނުންވާ ޕާކްސެޓްތައް ސަޕްލައިކޮށް އިންސްޓޯރްކުރުމާއި، ޕާކްގެ ލޭންޑްސްކޭޕިން މަސައްކަތްތައްކުރުން ހިމެނެއެވެ.
ނ. މާޅެންދޫގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހިންގި މަޝްރޫޢޫގެ މަސައްކަތް ނިންމައި، ޕާކު ރަސްމީކޮށް ހުޅުވާލައިފިއެވެ.
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 10, 2026
މިކަމަށްޓަކައި އިއްޔެ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ޕާކު ހުޅުވައިދެއްވީ މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަން… pic.twitter.com/Rc6Bt7eDlL
ރާއްޖޭގެ 46 ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ބިނާކުރުމަށް ސަރުކާރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، އާރް.ޑީ.ސީ، އެސް.ޓީ.އޯ އަދި އެޗް.ޑީ.ސީއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 14 ރަށެއް ހިމެނޭއިރު، ދެވަނަ ފިޔަވަހީގައި 32 ރަށެއް ހިމެނެއެވެ.
މާޅެންދޫގައި އަލަށް ހުޅުވުނު މި ޕާކަކީ އެ ރަށުގެ ކުޑަކުދިންނަށް އަމާން މާޙައުލެއްގައި ހިތްހަމަޖެހުމާއެކު ކުޅެލުމުގެ މަގު ފަހިކޮށްދިނުމަށް ތަރައްޤީކުރި ތަނެކެވެ. މީގެ އިތުރުން، މި ޕާކުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ ބަދަހިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.