Ads by Farudhun

ޚަބަރު

މި ހަފްތާގައި ނ. އަތޮޅުން ކުޑަކުދިންގެ ޕާކު ހުޅުވި ފަސްވަނަ ރަށަކަށް މާޅެންދޫ

މި ހަފްތާގައި ނ. އަތޮޅުން ކުޑަކުދިންގެ ޕާކު ހުޅުވި ފަސްވަނަ ރަށަކަށް މާޅެންދޫ

މާޅެއްދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު / ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2026، 11:28

10 އޯގަސްޓު 2026، 11:28

ނ. މާޅެންދޫގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމައި، އެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މި ހަފްތާގެ ތެރޭގައި ނ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހުޅުވި ފަސްވަނަ ކުޑަކުދިންގެ ޕާކެވެ.

މާޅެންދޫގައި އާދީއްތަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިންނެވެ.

މި ހަފްތާގެ ތެރޭގައި ނޫނު އަތޮޅުގެ ގިނަ ރަށްތަކެއްގައި ވަނީ ކުޑަކުދިންގެ ޕާކުތައް ހުޅުވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ މިދިޔަ ހުކުރު ދުވަހު ޕާކު ހުޅުވީ ނ. ވެލިދޫގައެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ޙަވާލުކޮށްގެން ތަރައްޤީކުރި އެ ޕާކަށްފަހު، ހޮނިހިރު ދުވަހު ވަނީ އިތުރު ތިން ރަށެއްގައި ޕާކުތައް ހުޅުވާފައެވެ.

އެގޮތުން ހޮނިހިރު ދުވަހު ނ. ކެނދިކުޅުދޫގައި އާރް.ޑީ.ސީ އާ ޙަވާލުކޮށްގެން ތަރައްޤީކުރި ޕާކު ހުޅުވާފައިވާއިރު، ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ނ. ހެނބަދޫ އާއި ނ. ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ވެސް ވަނީ ހުޅުވާފައެވެ.

މުޅި ރާއްޖޭގެ 46 ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢަކީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގައި ބައިވެރިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، އާރް.ޑީ.ސީ، އެސް.ޓީ.އޯ އަދި އެޗް.ޑީ.ސީއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގެ ދަށުން 14 ރަށެއްގައި ޕާކުތައް ތަރައްޤީކުރަމުންދާއިރު، ދެވަނަ ބައިގެ ތެރޭގައި 32 ރަށެއްގައި ޕާކުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި ކުޑަކުދިންގެ މުނިފޫހިފިލުވުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450