Ads by Farudhun

ޚަބަރު

ކަމަދޫ ސްކޫލް ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ސެޝަންތަކެއް ބާއްވައިފި

ކަމަދޫ ސްކޫލް ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ސެޝަންތަކެއް ބާއްވައިފި

ކަމަދޫގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން / ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2026، 12:03

10 އޯގަސްޓު 2026، 12:03

ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވައި، ޒިންމާދާރު ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބ. ކަމަދޫގައި މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮގަސްޓު މަހުގެ 9 ވަނަ ދުވަހު ކަމަދޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، ނޭދެވޭ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ދިމާވެދާނެ ނުރައްކާތަކާއި، އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ސެޝަނުގައި އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން، ބޭކާރު ގޮތުގައި އިންޓަނެޓުގައި ވަގުތު ހޭދަނުކުރުމަށާއި، އޮންލައިންކޮށް ދިމާވާ ބީރައްޓެހި އެއްވެސް މީހަކަށް އަމިއްލަ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެއްކުއްޖަކު އަނެއްކުއްޖަކާ މެދު އިތުބާރާއި އެކުވެރިކަން ދެމެހެއްޓުމަށާއި، ވަގުތަށް ކަމޭހިތުމާއި، ދީނީ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް ވެސް ދަރިވަރުންނަށް އިރުޝާދު ދީފައިވެއެވެ.

ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކޮންމެ ދަރިވަރަކު ވެސް އަމިއްލައަށް މަސައްކަތް ކުރަންވާނެ ކަމަށާއި، ކުށްތަކުން ދުރުހެލިވުމަށްޓަކައި ހޭލުންތެރިވެ މައުލޫމާތު ހޯދުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ސެޝަނުގައި ފުލުހުން މައުލޫމާތު ހިއްސާކުރިއެވެ.

ދަރިވަރުންގެ އިތުރުން، އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ބެލެނިވެރިންނަށް ވެސް ވަނީ ހާއްސަ ސެޝަނެއް ބާއްވާފައެވެ. މި ސެޝަނުގައި، ކުށުގެ މާހައުލުން ދަރިން ދުރުކުރުވުމަށް ބެލެނިވެރިންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށާއި، ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރުގައި ދަރިން އުޅުމުގެ ފުރުސަތު ނުދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ދަރިންގެ ހުރިހާ ކަމެއް ގާތުން ބަލައި މޮނީޓަރކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި ސެޝަނުގައި ބެލެނިވެރިންނަށް މައުލޫމާތު ދެމުން، ދަރިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން އިސްލާހުކުރުމަށް ބެލެނިވެރިންނަކީ ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތްކުރުމަށް އެދިފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ރައްކާތެރިކުރުމަށްޓަކައި، ދަރިން ގެންގުޅޭ ޑިވައިސްތަކާއި އެޕްލިކޭޝަންތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތާއި "ސްކްރީން ޓައިމް" ލިމިޓްކުރާނެ ގޮތުގެ އިރުޝާދު ވެސް ވަނީ ދީފައެވެ.

މުޖުތަމައުގައި ހިނގާ ކުށްތަކުން ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ސެޝަންތަކެއް ހިންގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450