ކުޅިވަރު / ދުނިޔެ
އިންފަންޓީނޯ އޮޅުވާލުމުގެ ތެރެއިން އިތުބާރު ނަގާލައިފި: ފުޓްބޯޅަ ކޮންފެޑެރޭޝަންތަކުގެ ރައީސުން
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޮޅުވާލުންތަކެއްގެ ތެރެއިން އިތުބާރު ނަގާލާފައިވާ ކަމަށް ބުނެ، ފުޓްބޯޅައިގެ ބޮޑު ތިން ކޮންފެޑެރޭޝަނަކުން އޭނާއަށް ވަރުގަދަ ތުހުމަތުތަކެއް ކޮށްފިއެވެ.
ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އާއި، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އަދި ކޮންކާކަފް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފް.އެފް.އީ) ގެ ނަމުގައި ހުށަހެޅި ޕްރޮޕޯޒަލަކީ ކުޅިވަރުގެ ނަޒާހަތްތެރިކަމާއި، ލީޑަޝިޕްގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ކަމަށެވެ.
މި މައްސަލަ އުފެދުނީ ވޯލްޑް ކަޕް ހިމެނޭ ގޮތަށް ފީފާގެ ހުރިހާ މުބާރާތްތަކެއްގެ ކޮމާޝަލް އަދި ޓިކެޓް ވިއްކުމުގެ ހައްގުތައް ބެލެހެއްޓުމަށް އައު ކުންފުންޏެއް އުފައްދައި، އޭގެ 21 އިންސައްތަ އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކާލަން އުޅުމާ ގުޅިގެންނެވެ. ޔޫއެފާ އިން ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދިނުމާއެކު، މިހާރު މި ޕްރޮޕޯޒަލް ވަނީ ހުއްޓާލާފައެވެ.
ކޮންފެޑެރޭޝަންތަކުގެ ރައީސުން ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ، "އޮޅުވާލުމުގެ ތެރެއިން އިތުބާރު ނަގާލުމާއި، ޖަމާއަތުން ދީފައިވާ ބާރު އަމިއްލަ މަސްލަހަތަށްވުރެ ކުރިއަށް ނެރުމަކީ، ލިބިފައިވާ ޒިންމާއިން ރެކުން" ކަމަށެވެ. އަދި ފުޓްބޯޅައިގެ ލީޑަޝިޕަކީ ބާރުވެރިކަން ދެމެހެއްޓުމެއް ނޫން ކަމަށާއި، އެއީ ފުޓްބޯޅަ އާއިލާއަށް ޚިދުމަތް ކުރުމުގެ ވާޖިބެއް ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މި ސިޓީގައި ސީދާ އިންފަންޓީނޯގެ ނަން ބޭނުންކޮށްފައި ނުވި ނަމަވެސް، މިއީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ދިން ފުރުސަތެއް ކަމަށް ބީބީސީ އިން ރިޕޯޓްކުރެއެވެ.
މި މައްސަލައިގައި ފީފާ އިން މީގެ ކުރިން ބުނެފައިވަނީ މިއީ އިންފަންޓީނޯ އާއި އެ އިދާރާގެ އަގު ވައްޓާލަން ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ތިން ކޮންފެޑެރޭޝަނުން ބުނަނީ، ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުމަކީ ހަމައެކަނި އިޖުރާއީ ގޯހެއް ނޫން ކަމަށާއި، އެއީ ނިންމުންތައް ނިންމުމުގައި ފެއިލްވުން ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބާރުތަކެއްގެ މެދުގައި އުފެދިފައިވާ މި "ހަނގުރާމަ" އިތުރަށް ވަރުގަދަވަމުންދާއިރު، އިންފަންޓީނޯއަށް އޮތް ޕްރެޝަރު މިވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.