ސައިންސް

ނިއުކްލިއަރ މެޑިސިން: ކުޑަކުދިންގެ ކެންސަރުގެ ފަރުވާއަށް އާ އުންމީދެއް

ނިއުކްލިއަރ މެޑިސިން: ކުޑަކުދިންގެ ކެންސަރުގެ ފަރުވާއަށް އާ އުންމީދެއް

ޕެޓް ސީޓީ ސްކޭން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 08:14

10 އޯގަސްޓު 2026، 08:14

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ކުޑަކުދިންނަކަށް ކެންސަރު ބަލި ޖެހެއެވެ. ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މި ބަލިން ސަލާމަތްވާ ކުދިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް، އަދިވެސް ގިނަ ކުދިންތަކެއް ދަނީ ދިގު މުއްދަތުގެ ތަހުލީލުތަކާއި ބުރަ ފަރުވާތައް ތަހައްމަލު ކުރަމުންނެވެ. ނަމަވެސް، "ސެމިނާސް އިން ނިއުކްލިއަރ މެޑިސިން" މަޖައްލާގައި ދާދިފަހުން ޝާއިޢުކުރި ދިރާސާއަކުން ހާމަވާގޮތުގައި، ނިއުކްލިއަރ މެޑިސިންގެ ސަބަބުން ކުޑަކުދިންގެ ކެންސަރު ދެނެގަތުމާއި ފަރުވާކުރުމަށް ވަނީ އިންގިލާބީ ބަދަލުތަކެއް އަންނަން ފަށާފައެވެ.


އާންމުކޮށް ކެންސަރު ދެނެގަތުމަށް ބޭނުންކުރާ އަލްޓްރާސައުންޑް، ސީޓީ ސްކޭން އަދި އެމް.އާރް.އައި ފަދަ ވަސީލަތްތަކުން ދައްކައިދެނީ ޓިއުމަރ އުފެދިފައިވާ ތަނާއި އޭގެ ބޮޑުމިނެވެ. ނަމަވެސް ނިއުކްލިއަރ މެޑިސިންގެ އެހީގައި އެ ޓިއުމަރ ކިހާވަރެއްގެ ދިރުމެއް ހުރި، ކިހިނެއް މަސައްކަތްކުރާ އެއްޗެއްކަން ދެނެގަނެވެއެވެ. ކުޑަކުދިންގެ ކެންސަރަކީ އެކި ކުދިންގެ ކިބައިގައި ތަފާތު ގޮތްގޮތަށް އުޅޭ ބައްޔަކަށް ވުމުން، މިފަދަ "ބަޔޮލޮޖިކަލް" މައުލޫމާތު ހޯދުމަކީ ފަރުވާ ކަނޑައެޅުމުގައި ވަރަށް މުހިންމު ކަމެކެވެ. ރޭޑިއޯއެކްޓިވް "ޓްރޭސަރ" ބޭނުންކޮށްގެން ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރު ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވެއެވެ.

ބަލީގެ ބާވަތަށް ބަލައި ފަރުވާ ބަދަލުކުރުން

ކުޑަކުދިންނަށް ޖެހޭ ތަފާތު ކެންސަރުތަކަށް ނިއުކްލިއަރ މެޑިސިން ބޭނުންކުރާ ގޮތް ތަފާތެވެ. މިސާލަކަށް ލޭގެ ކެންސަރު (ލޫކީމިއާ) ދެނެގަތުމަށް މައިގަނޑު ގޮތެއްގައި ބޯންމެރޯ ޓެސްޓު ހެދިނަމަވެސް، އެފް.ޑީ.ޖީ ޕެޓް ސީޓީ ބޭނުންކޮށްގެން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވިދާނެއެވެ.

ސިކުނޑީގެ ކެންސަރަށް ބަލާއިރު، އެމް.އާރް.އައި އިން ނުފެންނަ ބައެއް ތަފްސީލުތައް އާ އަމިނޯ އެސިޑް ޓްރޭސަރތައް  ބޭނުންކޮށްގެން ހޯދެއެވެ. މީގެ ސަބަބުން އޮޕަރޭޝަން ކުރަންވީ ސަރަހައްދު ސީދާކޮށް އެނގި، ބަލި އަލުން އުފެދެނީތޯ ނުވަތަ އެއީ ފަރުވާގެ ސަބަބުން އައި ބަދަލެއްތޯ ވަކިކުރަން ފަސޭހަވެއެވެ.

ލިމްފޯމާ  ބަލީގައި ވެސް ޕެޓް ސީޓީގެ ދައުރު ބޮޑެވެ. މީގެ ކުރިން ބަލަނީ ހަމައެކަނި ޓިއުމަރ ބޮޑުވެފައިވާ މިންވަރަށެވެ. ނަމަވެސް މިހާރު އެ ޓިއުމަރގައި ކެންސަރުގެ ދިރުން ހުރި މިންވަރު ބަލައި، ފަރުވާ ކާމިޔާބުވަމުންދާކަން ޔަގީންކުރެވެއެވެ.

ނިއުރޯބްލާސްޓޯމާ: ފަރުވާގެ އާ މޮޑެލް

ނިއުކްލިއަރ މެޑިސިންގެ އެންމެ ކުރިއަރާފައިވާ އެއް ދާއިރާއަކީ "ތެރަނޯސްޓިކްސް" އެވެ. މިއީ އެއް މާއްދާއެއް ބޭނުންކޮށްގެން ބަލި ދެނެގަތުމާއި ފަރުވާކުރުމެވެ. ކުޑަކުދިންނަށް ޖެހޭ ނިއުރޯބްލާސްޓޯމާ ބަލީގައި އެމް.އައި.ބީ.ޖީ  ބޭނުންކޮށްގެން ބަލި ހުރި ތަންތަން ބެލުމުގެ އިތުރުން، ހަމަ އެ މާއްދާގެ އެހީގައި ކެންސަރު ސެލްތަކަށް ސީދާ ރޭޑިއޭޝަން ފޮނުވައިގެން ފަރުވާ ދެވެއެވެ. މިއީ އެހެން ސިއްހީ ސެލްތަކަށް ގެއްލުން ކުޑަކޮށް، ސީދާ ބައްޔަށް އަމާޒުކޮށްދޭ ފަރުވާއެކެވެ.

މުސްތަގުބަލުގެ އުންމީދު

ހަމައެކަނި މި ބާވަތްތަކެއް ނޫނެވެ. މަސްގަނޑަށް ޖެހޭ ކެންސަރާއި ކަށީގެ ކެންސަރުގެ ފަރުވާގައިވެސް ނިއުކްލިއަރ މެޑިސިންގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. ބަލި މާ ކުރިން ދެނެގަނެވި، ކޮންމެ ކުއްޖަކަށް ބޭނުންވާ ޕަރސަނަލައިޒްޑް ފަރުވާ ދިނުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ.

ކުޑަކުދިންގެ ކެންސަރުގެ ފަރުވާގެ މުސްތަގުބަލު ބިނާވެފައިވަނީ ހަމައެކަނި ޓިއުމަރ ހުރި ތަން ހޯދުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ބަލީގެ އަސްލު ދެނެގަނެ، ކޮންމެ ކުއްޖަކަށްވެސް އެންމެ އެކަށީގެންވާ ފަރުވާ ހޯދައިދިނުމަށެވެ. މިއީ ބަލި ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުންމީދެކެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450