ވިޔަފާރި / ޚަބަރު
ބީއެމްއެލްއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ދޫކުރޭ
"އިޤްތިޞާދު ހަމަމަގަށް" ޕެނަލް މަޝްވަރާ ފޮޓޯ: ޕީއެސްއެމްނިއުސް
ބޭންކް އޮފް މޯލްޑިވްސް އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަމުންދާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މި މަޢުލޫމާތު ހާމަކުރެއްވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ބޭންކުގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ، މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާއި ބީއެމްއެލްއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވީ ނަމަވެސް، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދެއެވެ. އެގޮތުން ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދޫކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މިހާތަނަށް ބޭންކުން ކޮށްފައިވާ މުހިންމު މަސައްކަތްތަކަށް ބަލާއިރު، ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައިވާ އިރު، ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ.
އަޅުގަނޑު ފާހަގަކޮށްލާނަން މިދިޔަ އަހަރު އަހަރު ނިންމާލިއިރު ޓޯޓަލް އަޅުގަނޑުމެންނަށް ދޫކޮށްލެވުނީ 10 ބިލިޔަން ރުފިޔާގެ ލޯން. އެހެންނަމަވެސް މި 7 މަސް ދުވަހުގެ ތެރޭގައި 9 ބިލިޔަނާއި ގާތައް މިވަނީ އިޤްސާދާއި ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ދޫކޮށްފައި،
ސައީދު
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 478 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް 166 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ 311,722 ރެމިޓެންސް މުއާމަލާތް ކަމަށްވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ފުރަތަމަ 6 މަސްދުވަހު 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ ބޮޑު އިތުރުވުމެއްކަން ބޭންކުން ފާހަގަކުރެއެވެ.