Ads by Farudhun

ޚަބަރު

ޕީ.ޖީ.އޯ.ގެ ހެއްކާ ގުޅޭ އަތްމަތީ ފޮތް، "އެވިޑެންސް އަ ޕްރެކްޓިޝަނާސް ގައިޑް" އިފްތިތާޙުކޮށްފި

ޕީ.ޖީ.އޯ.ގެ ހެއްކާ ގުޅޭ އަތްމަތީ ފޮތް، "އެވިޑެންސް އަ ޕްރެކްޓިޝަނާސް ގައިޑް" އިފްތިތާޙުކޮށްފި

ޕީ.ޖީ.އޯ 2.0 މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޯގަސްޓު 2026، 11:20

11 އޯގަސްޓު 2026، 11:20

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީ.ޖީ.އޯ) އިން، އެ އިދާރާގެ ހެއްކާ ގުޅޭ އަތްމަތީ ފޮތް، "އެވިޑެންސް އަ ޕްރެކްޓިޝަނާސް ގައިޑް" އިފްތިތާޙުކޮށްފިއެވެ.

މި ފޮތް އިފްތިތާޙުކޮށްފައި ވަނީ، ޕީ.ޖީ.އޯ 2.0 މަޝްރޫޢު އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އޮނަރަބަލް އަބްދުއްޣަނީ މުހައްމަދެވެ. މި  މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މި ފޮތާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން، އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސާމީ ވިދާޅުވީ، މިއީ، ހެއްކާއި ބެހޭ ގާނޫނުގެ މައްޗަށް، ޕީޖީ އޮފީހުގެ އެކަޑަމީއިން ލިޔެ ޝާއިރުކޮށްފައިވާ ފޮތެއް ކަމަށެވެ. އަދި މި ފޮތުގެ ބިންގާ އެޅިގެން ގޮސްފައި ވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ހެއްކާ ބެހޭ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޕީޖީ އޮފީހުން އެވިޑެންސް ވޯކިން ގްރޫޕެއް އެކުލަވާލި ކަމަށާއި، ހެއްކާ ބެހޭ ގާނޫނާއި ގުޅޭ ހުރިހާ ކަމެއް އެ ގުރޫޕުން ދިރާސާކޮށްފައިވާ ކަމަށާއި، އެ ދިރާސާތަކުގެ މައްޗަށް އެހެނިހެން ހެއްކާއި ގުޅޭ އިސޫލުތަކާއި ނިންމުންތަކުގެ މައްޗަށް ރިޢާޔަތްކޮށް އެ ބޭފުޅުން ވަނީ ދިރާސާ ކަރުދާސްތަކެއް ވެސް އެކުލަވާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއަށްފަހު، ޕްރޮސެކިއުޓަރުންނާއި، ޝަރުއީ ކޯޓުތަކާއި، ތަހުގީގީ އިދާރާތަކާއި އެހެނިހެން ފަރާތްތައް ވެސް ހެއްކާއި ގުޅޭ ގާނޫނާށް އަހުލުވެރިކުރުވުމަށް އެ އިދާރާއިން ވަނީ މަސައްކަތްތަކެއް ފަށާފައި ކަމަށް ސާމީ ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެ ޓީމުތަކުން ޒިޔާރާތްކުރައްވާ، އެކި އިދާރާތަކުގައި ތަމްރީނު ޕްރޮގްރާމުތައް ވަނީ ހިންގާފައެވެ. އަދި އަތްމަތީ ފޮތެއްގެ ޒަރިއްޔާއިން މި މައުލޫމާތުތައް ހިއްސާކުރެއްވުމަށް ނިންމަވާފައި ވަނީ މި ތަމްރީނު ޕްރޮގްރާމުތަކުން ލިބުނު ތަޖުރިބާތަކުގެ އަލީގައި ކަމަށް އޭނާ ވިދާޅުވިއެވެ. 

ސާމީ ވިދާޅުވީ، 2025 ވަނަ އަހަރު އެވިޑެންސް ވޯކިންގް ގްރޫޕުން މި ފޮތް ލިޔުމުގެ މަސައްކަތް ފަށްޓަވާފައި ވަނީ، އައްޑޫ ޕޮލިސް އެކަޑަމީގައި ތިއްބަވައިގެން ކަމަށެވެ. މި މަސައްކަތުގައި ހެއްކާ ބެހޭ ގާނޫނުގެ ފުންނާބު އުސް އިލްމުވެރިއެއް ކަމަށްވާ އޮސްޓްރޭލިޔާގެ ޕްރޮފެސަރ ޖެރެމީ ގޭންސްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެވިޑެންސް ވޯކިންގް ގްރޫޕުން މި ފޮތް ވުޖޫދަށް ގެނައުމަށް ކުރެވި މަސައްކަތާއި މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކަށް ވެސް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފޮތް ފުރިހަމަ ވެގެންދިޔައީ، ބަންޑާރަ ނައިބުގެ އޮފީހާއި، ދިވެހިންގެ ފުލުހުންގެ ޚިދުމަތުގެ އިތުރުން ޖުޑިޝަރީ ދާއިރާގެ އެތައް ބޭފުޅުންނެއްގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވާ އެ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވާފައެވެ.

މި ފޮތް ނެރުމުގެ މައިގަނޑު ބޭނުމަކީ، ހެއްކާ ބެހޭ ގާނޫނުގެ އުސޫލުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް އޮޅުން ފިލުވައިދިނުން ކަމަށާއި، މި ފޮތް ނެރުމުގެ މަޤްޞަދަކީ، ފަނޑިޔާރުންނާއި، އެޓާނީންނާއި، ދިފާއީ ވަކީލުންނާއި، ޕްރޮސެކިއުޓަރުންނާއި، ލެކްޗަރާއިންގެ އިތުރުން ކިޔަވާ ދަރިވަރުންނަށް ހެއްކާ ބެހޭ ގޮތުން އިތުބާރުހުރި މަސްދަރެއް ނެރެދިނުން ކަމަށް އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450