ރިޕޯޓް

ޕީ.ޖީ.އޯ.ގެ ޚިދުމަތްތައް ހޯދުމުގައާ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަމާނީ ގިނަ ބަދަލުތަކެއް

ޕީ.ޖީ.އޯ.ގެ ޚިދުމަތްތައް ހޯދުމުގައާ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަމާނީ ގިނަ ބަދަލުތަކެއް

ޕީޖީން ބޭއްވި ރައްމިއްޔާތުގައި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޯގަސްޓު 2026، 01:04

11 އޯގަސްޓު 2026، 01:04

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފަރުމާކޮށްފައިވާ "ޕީ.ޖީ.އޯ. 2.0" މިއަދު އިފްތިތާހު ކުރުމާއެކު، މިއީ އެ އޮފީހުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަޚުރުވެރި ދުވަހެކެވެ. މީގެ 17 އަހަރު ކުރިން އެޓާރނީ ޖެނެރަލް (އޭޖީ) އޮފީހުގެ ތެރެއިން އުފެދިގެން އައި ޕީޖީ އޮފީހުން މިއަދު މިވަނީ ޓެކްނޮލޮޖީގެ އެހީގައި އަދުލުގެ ނިޒާމަށް އާ ދިރުމެއް ގެނެސްދީފައެވެ.

 

ތާރީޚީ ފެށުމަކުން ޒަމާނީ ޑިޖިޓަލް ނިޒާމަކަށް

ޕީޖީ އޮފީހުގެ މަސައްކަތްތަކަކީ ގިނަ ކަރުދާސްތަކެއް ބަލާ ދިރާސާކުރަންޖެހޭ ބުރަ މަސައްކަތަކަށްވީއިރު، މި މަސައްކަތް ފަސޭހަ ކުރުމަށް ކޭސް މެނޭޖުމެންޓު ސިސްޓަމެއް ބޭނުންކުރަން ފެށުނީ މީގެ 17 އަހަރު ކުރިންނެވެ. އޭރު ބޭނުންކުރީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ބޭނުންކުރި ސިސްޓަމްގެ ކްލޯންއެކެވެ. ނަމަވެސް، ޕީޖީ އޮފީހަށް 10 އަހަރު ފުރުނު ދުވަހު ތައާރަފްކުރި "މަފިނި" ސިސްޓަމާއެކީ މަސައްކަތްތަކަށް ލުއިވާނެ ގިނަ ބަދަލުތަކެއް ގެނެވުނެވެ. އަދި މިހާރު ޕީޖީ އޮފީހުގެ ހުރިހާ މަސައްކަތެއް "މަފިނި" ސިސްޓަމް މެދުވެރިކޮށް ޑިޖިޓަލްކޮށް ކުރެވެމުންދާއިރު، މައްސަލައެއް ހުށަހެޅޭ ހިސާބުން ފެށިގެން ޝަރީއަތުގެ ހުރިހާ މަރުހަލާއަކާއި، ލޮޖިސްޓިކް ކަންކަން ބަލަހައްޓަނީ މި ސިސްޓަމްގެ އެހީގައެވެ.

 

ޕީ.ޖީ.އޯ. 2.0: އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުން

ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ކުށްކުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، "ޕީ.ޖީ.އޯ. 2.0" އަކީ މުޅި ނިޒާމަށް އަންނަ އިންގިލާބީ ބަދަލެކެވެ. މި މަޝްރޫޢުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިދާރީ ލަސްތައް ނައްތާލައި، ޕްރޮސެކިއުޝަންގެ މަސައްކަތްތައް ހަލުވިކުރާނެއެވެ. ޕީޖީ އޮފީހުގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، އޭއައިގެ އެހީގައި ހެކި ވަޒަންކުރުމާއި، ޑިސްކްލޯޝަރ އަދި ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ސަލާމަތްވެގެންދާނެއެވެ. ނަމަވެސް، މިއީ ޗެޓް ބޮޓަކާ މަސައްކަތް ހަވާލުކުރުން ނޫންކަމަށާއި، އެންމެ ފަހުގެ ނިންމުން ނިންމާނީ އިންސާނުންކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

 

އައު ވެބްސައިޓާއި މައުލޫމާތުގެ ހާމަކަން

މި ރަސްމިއްޔާތުގައި އިފްތިތާހުކުރި އައު ވެބްސައިޓް (www.pgo.mv) ފަރުމާކޮށްފައިވަނީ ބޭނުންކުރާ ފަރާތްތަކަށް ކަސްޓަމައިޒް ޚިދުމަތް ލިބޭ ގޮތަށެވެ. މީގެ އެންމެ މުހިންމު އެއް ކަމަކީ ކޭސް މެނޭޖުމެންޓު ސިސްޓަމުން އޮޓޮމެޓިކުން މައުލޫމާތު ވެބްސައިޓުގައި ޝާއިޢުކުރެވުމެވެ. މައްސަލަތަކުގެ ހުލާސާއާއި، ދައުވާ ލިބޭ މީހުން އަދި އަޑުއެހުންތަކުގެ ތާވަލުތައް މި ވެބްސައިޓަށް ވަގުތުން އަޕްޑޭޓުކުރާނެއެވެ. އަދި 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ހުރިހާ މައްސަލަތަކެއްގެ ރެޖިސްޓްރީ ވެބްސައިޓުގައި ފެންނަން ހުންނާނެކަމަށް ވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޕީޖީ އޮފީހުގެ އައު ވެބްސައިޓް ތައާރަފްކުރުން / ފޮޓޯ: ރައީސް އޮފީސް


އީ-ދޮރާށި: ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން

މިއީ ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ޕީޖީ އޮފީހުން ދެން ފޯރުކޮށްދޭނީ "އީ-ދޮރާށި" މެދުވެރިކޮށް އޮންލައިންކޮށެވެ. ޤާނޫނީ ވަކީލުންނާއި، ނޫސްވެރިންނާއި، އަދި އަނިޔާ ލިބޭ ފަރާތްތަކާއި މިނޫން ވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްޞަ ޕޯޓަލްތަކެއް މި ވެބްސައިޓުގައި ވަނީ ގާއިމުކޮށްފައެވެ. އެހެންކަމުން މިހާރު ޕީޖީ އޮފީހަށް ފޯމެއް ހުށަހެޅުމަކީ މެސެޖެއް ކޮށްލުންހާ ފަސޭހަ ކަމެއްކަމަށް އެ އޮފީހުން ސިފަކުރެއެވެ.

 

"ލެތުން" މޯބައިލް އެޕް

ޕީޖީ އޮފީހުން އަލަށް ތައާރަފްކުރި "ލެތުން" އެޕަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ބޭނުންކުރާ ހުރިހާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ކޯޓު ނިންމުންތައް ހިމެނޭ ޑިޖިޓަލް ލައިބްރަރީއެކެވެ. ސްމާޓް ސާޗް އިންޖީނަކާއެކު ފަރުމާކޮށްފައިވާ މި އެޕްގެ ސަބަބުން، ޤާނޫނީ މައުލޫމާތު ހޯދުމަށް ފޮތްތަކާއި ޤަވާއިދުތަކުގެ ތެރޭގައި ހޭދަކުރާ ވަގުތަށް ނިމުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުގެ މި މަސައްކަތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބުނާ ހަމަހަމަކަމާއި، ހާމަކަމާއި އަދި ޖަވާބުދާރީވުމުގެ އަސާސްތައް ދެމެހެއްޓުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް އަވަސް، އިންސާފުވެރި އަދި ދެފުށްފެންނަ ޚިދުމަތެއް ކަށަވަރުވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450