ވިޔަފާރި / ޚަބަރު
ދިވެހިރާއްޖޭގެ ފައިސާއާ ބެހޭ ސިޔާސަތުތައް ހަރުދަނާކުރުމަށް މަރުކަޒީ ބޭންކުން ބޭރުފައިސާގެ ޤާނޫނަށް އިސްލާހުތަކެއް ގެންނަނީ
މަނިޓަރީ އޮތޯރިޓީ ފޮޓޯ: އެޑިޝަން
ދިވެހިރާއްޖޭގެ ފައިސާއާ ބެހޭ ސިޔާސަތުތައް ހަރުދަނާކުރުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ބޭރުފައިސާގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް އުސޫލު އުވާލަން ނިންމި ނިންމުމެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ފެށި ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ލާޒިމުކުރެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމުގެ ގޮތުން މި އަދަދު އުވާލުމަށް އެމްއެމްއޭއިން މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް، ގެސްޓް ހައުސްތަކުން ބޮލަކަށް މާރުކުރަންޖެހޭ 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭ އުސޫލަށް ބަދަލެއް ނުގެނައުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ގިންތިތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މި ގިންތީގައި ހިމެނޭ ވިޔަފާރިއަކަށް ވުމަށް ކުރިން ބޭނުންވާ 15 މިލިއަން ޑޮލަރުގެ އާމްދަނީ، 25 މިލިއަން ޑޮލަރަށް މަތިކުރުމަށް ވަނީ ނިންމާފައެވެ. އެމްއެމްއޭއިން ވިދާޅުވީ މި ބަދަލުތަކަކީ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދިވެހި ވިޔަފާރިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
ބޭރުފައިސާގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ބޭނުންކުރާ ޕޮއިންޓް އޮފް ސޭލްސް (ޕޮސް) މެޝިންތަކަކީ ރާއްޖޭގެ ބޭންކުތަކާ ގުޅިފައިވާ ސިސްޓަމްތަކަކަށް ހެދުމަށް "ޤައުމީ ޕޭމަންޓް ސިސްޓަމްސްގެ ޤާނޫނު" އަށްވެސް އިސްލާހު ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ހިންގާ މުޢާމަލާތްތައް މަރުކަޒީ ބޭންކަށް ދެނެގަނެވޭނެ ފަދަ 'ނޭޝަނަލް ސްވިޗެއް' ޤާއިމްކުރުމުގެ އިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ބޭރުފައިސާގެ ޤާނޫނާއި ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެންނަން ފެންނަ މި އިސްލާހުތައް އެކުލަވާލުމަށްޓަކައި މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަ ބޭރުފައިސާގެ މިންވަރު އިތުރުވެ، އިޤްތިޞާދީ ދުވެލި ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.