ވިޔަފާރި / ޚަބަރު

މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިފްކޯ އަދި ފިއުލް ސަޕްލައި މޯލްޑިވްސް އެއްބަސްވުމުގައި ސޮއި ކުރުން ފޮޓޯ: މިފްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 06:20

11 އޯގަސްޓު 2026، 06:20

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިފްކޯގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ މުޙައްމަދު އަނަސް އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާން އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ބޯޑު މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ މައިގަނޑު ތިން ސެންޓަރެއް ކަމަށްވާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ދޫކުރަން ފަށާނެއެވެ.

މި އައު އިންތިޒާމު ހަމަޖެހިފައިވާ ގޮތުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެއެވެ. އަދި ތެލަށްވާ ފައިސާ އުނިކުރާނީ އެ ދޯންޏަކުން ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. މިގޮތުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޫކުރާ ޕޭމަންޓުން ތެލުގެ ބިލަށްވާ ފައިސާ އުނިކުރެވޭނެ ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިން އެންމެ ބޮޑަށް ހުށަހެޅި އެއް ޝަކުވާއަކީވެސް ތެޔޮ ގަތުމުގައި ހުރި ދަތިތަކެވެ. އެ ދުވަހު ސީއީއޯ ދެއްވި ޔަގީންކަމާ އެއްގޮތަށް، ސަރުކާރާ މަޝްވަރާކޮށްގެން މިވަނީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ގެނެވުނު މި ބަދަލަކީ މަސްވެރިންނަށް ދިމާވާ މާލީ ދަތިތައް ހައްލުކޮށް، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މަސްވެރިންނަށް ތެޔޮ ގަތުމަށް ފައިސާ ހޯދުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބި، މަހަށް ފުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450