ވިޔަފާރި / ޚަބަރު
މޯލްޑިވިއަނުން އެންމެ ފަހުގެ ޓްވިން އޮޓަރ މަރުކާގެ ދެ ބޯޓު ގަންނަނީ
ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރުން ފޮޓޯ: ޕީއެސްއެމް
ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އެ ކުންފުނީގެ ސީޕްލޭން ފްލީޓް ވަރުގަދަކުރުމުގެ ގޮތުން، ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގްއެވެ.
ޓްވިން އޮޓަރ ބޯޓުތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައި ވެފައިވާ އުޅަނދުތަކެކެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ބޯޓުތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށާއި ރަށްރަށަށް ފަތުރުވެރިން އުފުލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބޯޓުތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޮގޭޝް ގާރގް ވިދާޅުވީ، ރާއްޖޭގައި ޓްވިން އޮޓަރ މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި މި އައު އެއަރކްރާފްޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ޚިޔާލަށް ބެލުމަށްފަހު، ރާއްޖޭގެ މާހައުލާ އެންމެ އެކަށީގެންވާ ގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ކްލަސިކް 300-ޖީ" މަރުކާގެ ބޯޓުތަކާއެކު، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، އައު މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއެކު ފަރުމާކޮށްފައިވާ މި ބޯޓުތަކަކީ މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް އެކުލެވޭ އުޅަނދުތަކެކެވެ. މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ދަބަސް އުފުލުމުގެ ފުރުޞަތު ލިބި، އޮޕަރޭޝަންތަކުގެ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް މޯލްޑިވިއަނުން ފާހަގަކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1,000 އަށްވުރެ ގިނަ ބޯޓު އުފައްދައި، މިލިއަނަކަށްވުރެ ގިނަ ގަޑިއިރު ދަތުރުކޮށްފައިވާ ޓްވިން އޮޓަރ ބޯޓަކީ، އާކްޓިކް ސަރަޙައްދުތަކުން ފެށިގެން ހޫނު ޖަޒީރާ ރަށްތަކާ ހަމައަށް ބޭނުންކުރާ އެންމެ އިތުބާރު ހުރި އުޅަނދެވެ. ރާއްޖޭގައި މި ބޯޓަކީ ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއްގެ ގޮތުގައި ބަލައިގަނެވިފައިވާ މިންގަނޑެކެވެ.