ޚަބަރު
ދައުލަތުން އެންމެ ބޮޑު އިސްކަމެއްދެނީ ތުއްތުކުދިންގެ މަސްލަޙަތު އިސްކުރުމަށް
ތުއްތު ކުއްޖެއް ފޮޓޯ: އިންޓަނެޓް
ތުއްތުކުދިން ޝާމިލުވާ ކަންކަމުގައި ގޮތް ނިންމުމުގައި ދައުލަތުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެކުދިންގެ މަސްލަޙަތާއި ރައްކާތެރިކަމަށް ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހެން ވިދާޅުވީ، ތުއްތު ކުއްޖަކު މައިމީހާއާ ވަކިކޮށް ދައުލަތަށް ނަގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި ވުޒާރާއިން ވަނީ، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ތުއްތު ކުއްޖަކު ދައުލަތަށް ނަގަންޖެހޭ ސައްޙަ ސަބަބެއް ނޫންކަން ސާފުކޮށްދެއްވާފައެވެ.
ސިއްޙަތާއި ޢާއިލީ ކަންކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ކުޑަކުއްޖެއްގެ މައްސަލައެއް ދިމާވާ ކޮންމެ ހާލަތެއްގައިވެސް، ރާއްޖޭގައި އަމަލުކުރަމުންދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުދިންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
"ކުއްޖާގެ މައިންބަފައިންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ކުއްޖަކު ދައުލަތަށް ނެގުމުގެ ކުރިން، ކުއްޖާ މައިންބަފައިންގެ ގާތުގައި ބަހައްޓައިގެން ކުއްޖާގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ،" އެ ވުޒާރާގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެފަދަ ހާލަތްތަކުގައި ޢާއިލާގެ ތެރޭގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެހެން މެންބަރަކު ހުރިތޯ ބަލައި، އެފަރާތަކާ ކުއްޖާ ހަވާލުކުރުމަށް އިސްކަންދޭނެ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާނީ، މައިންބަފައިންނާއި ޢާއިލާގެ ތެރެއިންވެސް އެ ރައްކާތެރިކަން ލިބެން ނެތްކަން ކަށަވަރުވާ ހާލަތްތަކުގައި އެކަނި ކަމަށާއި، އެއީވެސް ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނޫސް ބަޔާން- މީޑިއާ އަދި މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގުނު ގޮތާއި މެދު ދައުރުވަމުންދާ ޚަބަރާއި ގުޅިގެންhttps://t.co/BFhGuVUoLE pic.twitter.com/Ap5ih0iuU6
— Ministry of Health, Family and Welfare (@MoHmv) August 11, 2026
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ވުޒާރާއިން ވިދާޅުވީ، އަންހެނެއްގެ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކުއްޖަކު ވަކިކުރި ކަމަށް ބުނާ ވާހަކައަކީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ތުއްތު ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އިތުރު ނުތަނަވަސްކަން ކުރިމަތިވާނެ ފަދަ ކަންކަމުން ދުރުހެލިވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.