ސައިންސް
ނިންމުންތައް ނިންމުމުގައި ހިިންޏާއި އެހެނިހެން ސޫފިތަކުން ލިބިދޭ ފިލާވަޅުތައް
ނިންމުންތައް ނިންމުމުގައި ހިިންޏާއި އެހެނިހެން ސޫފިތަކުން ލިބިދޭ ފިލާވަޅުތައް
އަޅުގަނޑުމެން އިންސާނުންނަކީ ބުއްދީގެ ގޮތުން އެންމެ ކުރިއަރާފައިވާ މަޚްލޫގުން ކަމަށް ގަބޫލުކުރި ނަމަވެސް، ދިރިއުޅުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ގިނަ ފަހަރަށް ގޯސްތައް ހެދެއެވެ. ނަމަވެސް، ކުދިކުދި ސިކުނޑިތަކެއް ލިބިފައިވާ ސޫފިތަކުގެ އަމަލުތަކަށް ބަލާއިރު، ނިންމުންތައް ނިންމުމުގެ ހަރުދަނާ އުސޫލުތަކެއް އެސޫފިތަކުގެ ކިބައިން ފެންނަން އެބަހުއްޓެވެ. މި ދާއިރާއިން ސޫފިތަކުގެ ފަރާތުން ލިބިދޭ ފަސް ފިލާވަޅެއް ތިރީގައި އެވަނީއެވެ.
1. ހިިންޏާއި އޮޕްޓިމައިޒޭޝަން
ކަމެއް ކުރުމަށް އެންމެ ރަނގަޅު ގޮތް އިޚްތިޔާރު ކުރުމަކީ އިންސާނުންނަށް ބައެއް ފަހަރު އުނދަގޫ ކަމެކެވެ. ނަމަވެސް ހިނި، އޭގެ ކާނާ ހޯދުމުގައި ވަރަށް ފުރިހަމަ އުސޫލެއް ގެންގުޅެއެވެ. ހިނިތައް ހާލީން ނުކުމެ ކާނާ ހޯދަން އުޅޭއިރު، އެކި މަގުމަގުން ދަތުރުކޮށް 'ފެރަމޯން' ކިޔާ ކެމިކަލެއްގެ ނިޝާންތައް ބިމަށް ދޫކޮށްލައެވެ. އެންމެ ކުރު މަގުން ކާނާ ހޯދާ ހިނިތައް އަވަހަށް ހާއްޔަށް އެނބުރި އާދެއެވެ. މިކަމުގެ ސަބަބުން އެންމެ ކުރު މަގުގައި މި ކެމިކަލްގެ ވަސް ގަދަވެ، އެހެން ހިނިތަކަށް އެއީ އެންމެ ރަނގަޅު މަގުކަން އެނގިގެންދެއެވެ. މިއީ މަރުކަޒީ ކޮންޓްރޯލެއް ނެތި، ގިނަ ބައެއްގެ މަސައްކަތުން އެންމެ ފުރިހަމަ ނަތީޖާ ނެރެވިދާނެކަމުގެ ހެއްކެކެވެ.
2. މާމުއި ކުޅަނދުރާއި ޑިމޮކްރަސީ
މާމުއި ކުޅަނދުރު އައު ހާއްޔެއް ހޯދުމުގައި ބޭނުންކުރަނީ ޑިމޮކްރެޓިކް އުސޫލެކެވެ. ބައެއް ކުޅަނދުރުތައް އެކި ތަންތަން ބަލަން ގޮސްފައި އައިސް، އެތަނެއްގެ ފުރިހަމަކަން ބަޔާންކޮށްދިނުމަށް 'ވޭގަލް ޑާންސް' އެއް ހުށަހަޅައެވެ. އެތަނެއް ރަނގަޅުވި ވަރަކަށް ނަށާ ނެށުން ދިގުވެފައި ފޯރިގަދަވެއެވެ. އެހެން ކުޅަނދުރުތައް މި މަޢުލޫމާތަށް ބިނާކޮށް އެތަނަކަށް ގޮސް ބެލުމަށްފަހު، ގިނަ ކުޅަނދުރު އެއްބަސްވާ ތަނަކަށް ހާލި ބަދަލުކުރެއެވެ.
3. ގޮށްފުޅަނގި ވަކިފަރާތަކަށް ނުޖެހުން
ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅުތަކުގައި، ކަމެއް ނުނިންމައި މަޑުޖެހިލުމަކީ ބައެއް ފަހަރު އެންމެ ރަނގަޅު ގޮތެވެ. ގޮފުޅަނގީގެ މައްޗަށް ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި، ދާނެ މިސްރާބެއް ނޭނގިގެން ހުރިހާ ސޫފިތަކެއް ހުއްޓި، 'ނިއުޓްރަލް' ވާ ވަގުތަކީ އާ އެއްބަސްވުމަކަށް އައުމަށް ފަސޭހަވާ ވަގުތެކެވެ. މިއީ އިންސާނުންނަށްވެސް، ކަންކަމުގައި ހަރުކަށިކޮށް ދެބަސްވުމުގެ ބަދަލުގައި، ވަކި ގޮތަކަށް ނުޖެހި ތިބެގެން ހައްލު ހޯދިދާނެކަމުގެ ފިލާވަޅެކެވެ.
4. ކުރަފި އަދި ޝަޚްސިއްޔަތު
ކުރަފީގެ މައްޗަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ގްރޫޕެއްގައި ތަފާތު މިޒާޖުގެ ސޫފިތައް (ކެރޭ ސޫފިތަކާއި ބިރުގަންނަ ސޫފިތައް) ހިމެނުމަކީ ނިންމުންތައް އަވަހަށް ނިންމުމަށް އެހީތެރިވެދޭ ކަމެކެވެ. އެންމެން އެއްގޮތްވުމަށްވުރެ، ތަފާތު ޚިޔާލާއި މިޒާޖުގެ މީހުން ގްރޫޕެއްގައި ހިމެނުމަކީ އެންމެ އެކަށީގެންވާ ރަނގަޅު ނިންމުން ނިންމުމަށް މަގުފަހިވާ ކަމެކެވެ.
5. މެހީގެ އަމިއްލަ އިހުސާސްތައް
މެއްސަކީ ކަންކަން ނިންމުމުގައި އޭގެ އެތެރެހަށީގެ އިހުސާސްތަކާއި ބޭރުން ފެންނަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ އެއްޗެކެވެ. މިސާލަކަށް، ނުބައި ރަހައެއް ހުރި ނަމަވެސް ފައިދާހުރި ކާނާއެއް ނަމަ، އެ މެހި އެ ކާނާ އިޚްތިޔާރު ކުރެއެވެ. އަދި ބަނޑުހައިވެފައިވާ ވަގުތާއި ހާސްވެފައިވާ ވަގުތު ނިންމުންތައް ނިންމުމުގައި ތަފާތު ގެންގުޅެއެވެ. މިއީ އަޅުގަނޑުމެންގެ 'ގަޓް ފީލިންގް' ނުވަތަ އެތެރެހަށީގެ އިހުސާސްތަކަށް ބިނާކޮށް ބުއްދިވެރި ނިންމުންތައް ނިންމިދާނެކަމުގެ މިސާލެކެވެ.
މި ކުދިކުދި ސޫފިތަކުގެ އަމަލުތަކަށް ބަލާއިރު، ގިނަ ބައެއްގެ މަޝްވަރާއާއި، ތަފާތު ޚިޔާލުތަކަށް އިހުތިރާމްކުރުމާއި، އަދި ހާލަތަށް ރިއާޔަތްކުރުމަކީ ކާމިޔާބު ނިންމުމެއް ނިންމުމަށް ކޮންމެހެން ބޭނުންތެރި ކަންކަންކަން އެނގިގެންދެއެވެ.