ޚަބަރު
އޮޅުވެލިފުށީ ބަނދަރުގެ ތޮށިލުމަށް ބޭނުންވާ ބްލޮކްތަކުގެ އިތުރު ޝިޕްމެންޓެއް އެ ރަށަށް ގެންގޮސްފި
އޮޅުވެއްލިފުއްޓަށް ގެންދިޔަ ބްލޮކްތައް / ފޮޓޯ: އެމްޓީސީސީ
ޅ. އޮޅުވެލިފުށީގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ހަތަރުވަނަ ޝިޕްމެންޓް އެ ރަށަށް ގެންގޮސްފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޅ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އޮޅުވެލިފުށީ ބަނދަރުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 7,534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީގެ ފަޅު އަލުން ފުންކުރުމާއި، 49,857 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ އިތުރުން 14,160 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ.
މީގެއިތުރުން، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ބޭރުތޮށި ލުމާއި، އެތެރެވަރިއާއި ބޭރުތެރެއަށް ވާގޮތަށް 156 މީޓަރުގެ ދެ ވެލިތޮށި ޖެހުމުގެ އިތުރުން 246 މީޓަރުގެ އެއްގަމުތޮށްޓެއް ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އިތުރު މަސައްކަތްތަކަށް ބަލާއިރު، 11 މީޓަރުގެ ރޭމްޕަކާއި، 27 މީޓަރުގެ އާރްސީ ބްރިޖެއްގެ އިތުރުން 132 މީޓަރުގެ އާރްސީ ޖެޓީއެއް ހެދުން ހިމެނެއެވެ. އަދި 1,149 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ފެރީ ބަނދަރު ކުރަން ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ވެސް ގާއިމުކުރެވޭނެއެވެ.
Project Update: Design and Build of Harbour Upgrade at LH. Olhuvelifushi
— MTCC Plc (@MTCCPlc) August 12, 2026
The fourth shipment of quay wall blocks have been delivered to the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/k95CLjCeym
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 66.40 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު އޮޅުވެލިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.