ޚަބަރު
ޢަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އުފާވެރި ޚަބަރެއް، ޑިސެމްބަރު މެދުތެރެއަށް އައު އިމާރާތް ނިންމަނީ
ރައީސް މުޢިއްޒުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރ ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތުގެ ގާތްގަނޑަކަށް %70 ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢުގެ މަސައްކަތް ޑިސެންބަރު މަހުގެ މެދުތެރެއަށް ނިމޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަސައްކަތްތަކުގެ އަދާހަމަ އޮޅުންފިލުއްވައި، ޢަރަބިއްޔާގައި ކިޔަވާ ބައެއް ދަރިވަރުންނާވެސް ބައްދަލުކުރައްވައި އެ ކުދިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ޑިސެންބަރު މަހުގެ މެދުތެރެއަށް މުޅި އިމާރާތުގެ މަސައްކަތް ނިންމައި، އަންނަ ދިރާސީ އަހަރުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ. "މިހާރު ފުރަތަމަ 3 ފަންގިފިލާގައި ރޭނުމުގެ ހުރިހާ މަސައްކަތެއްކޮށް ކުލަލުމުގެ މަސައްކަތް ކުރަމުންދަނީ. ދެން ކުރިއަށް އޮންނާނީ ފިނިޝިންގެ މަސައްކަތްތައް،" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް، އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށް އެ ސްކޫލްގެ ބިންގާ އެޅީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. ފައުންޑޭޝަން އެޅުމަށްފަހު މަސައްކަތް ފަށާފައިވާއިރު، މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
ޢަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވައިދެނީ ދެ ދަންފަޅިއަށެވެ. ވަޒީރު ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވަމުންދާ ކުދިންގެ ނިސްބަތަށް ބެލުމަށްފަހު، އައު އިމާރާތަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. ނަމަވެސް އެ ސްކޫލަށް ގިނަ ކުދިން ވަންނަނަމަ ދެ ދަންފަޅިއަށް ބަދަލުކުރަންޖެހޭނެ ކަމަށާއި، މިކަމަށް ވަކި ގޮތެއް ނިންމޭނީ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
10 ފަންގިފިލާއަށް ތަރައްޤީކުރާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން މިއީ އަންޑަރ ގްރައުންޑް ޕާކިންއާއެކު ތަރައްޤީ ކުރާ ފުރަތަމަ ސްކޫލެވެ. 200 އަށްވުރެ ގިނަ ސައިކަލު ޕާކްކުރެވޭނެ އެ ޕާކިންގ ޒޯނުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާފައެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތެއް ތަރައްޤީކުރަނީ ކުރިން އެ ސްކޫލްގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އައި އިމާރާތް ވަރަށް ބޮޑަށް ރެނދުލާ، އެ އިމާރާތުގައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވުމުންނެވެ. އެއަށްފަހު އެ ދަރިވަރުންގެ ކިޔެވުން ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައި އިމާރާތަށް ބަދަލުކުރި ނަމަވެސް، އެތަނުގެ ޖާގަ ކުޑަވުމާއި އެހެނިހެން މައްސަލަތަކާ ހުރެ މިހާރު ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ކުރީގެ ސަރުކާރުން ނިންމީ ބައު ޖަމާލުއްދީން ހުރި ބިމުގައި ކަމަށްވީ ނަމަވެސް، އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދިނުމުން ޖާގައިގެ މައްސަލަ ދިމާވުމާއި އެ ސަރަޙައްދަށް ބާރު ބޮޑުވާނެތީ، މި ސަރުކާރުން ނިންމެވީ ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ޣިޔާޘުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަމްބަރު ކޮށީގައި އިމާރާތް ކުރުމަށެވެ.