ވިޔަފާރި / ޚަބަރު

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭސް ފޯރުކޮށްދިނުމަށް އެޗްޕީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭސް ފޯރުކޮށްދިނުމަށް އެޗްޕީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެޗްޕީއެލްއާއެކު ސްޓޭޓް ފާމަސޫޓިކަލްއިން މުހިންމު އެއްބަސްވުމެއްގައި ސޮއިކުރުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޯގަސްޓު 2026، 05:34

12 އޯގަސްޓު 2026، 05:34

ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބަންގްލަދޭޝްގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ސްޓޭޓް ފާމަސޫޓިކަލްއިން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ސްޓޭޓް ފާމާއިން ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެޗްޕީއެލް އަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދެއެވެ.

ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ ދަށުން، ސްޓޭޓް ފާމާއިން ދަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ބޭސް އުފައްދާ ކުންފުނިތަކާ ގުޅުން ބަދަހިކުރަމުންނެވެ. އެގޮތުން، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރާޒެނެކާގެ މަންދޫބުންނާއެކުވެސް ދާދިފަހުން ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.

ސްޓޭޓް ފާމާއިން އިތުރަށް ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިތުބާރު ހުރި ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށެވެ. މިކަމަށްޓަކައި ބޭސް ބޭނުންވާ މިންވަރު ދުރާލާ އަންދާޒާކޮށް، ސްޓޮކް ހުސްނުވެ ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ރައްކާކުރާނެ ގުދަންތައް ބިނާކޮށް، މުޅި ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމުގެ ވިއުގަ ފުޅާކުރުމަކީވެސް އެ ކުންފުނީގެ މުހިންމު މަޝްރޫއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450