ދުނިޔެ
އެއަރ އިންޑިއާގެ ޕައިލެޓް ހުރީ މަސްތުވާތަކެތި އަދި ނިދާ ބޭސް ބޭނުންކޮށްގެން
އެއަރ އިންޑީއާ ފްލައިޓްގެ ހާދިސާ ހިނގި ބޯޓުގެ އެތެރެ
ފުކެޓުން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓެއް ކުއްލިއަކަށް ތިރިއަށް ޖެހުނު ހާދިސާގައި، ބޯޓުގެ ކޮމާންޑްގައި ހުރި ޕައިލެޓްގެ ލޭގައި ކެނެބިސް ހުރިކަން ހާމަވެއްޖެއެވެ. އެންޑީޓީވީން ހޯދާފައިވާ އެއަރލައިންގެ އެތެރޭގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި، މި ޕައިލެޓަކީ ނިދުމަށް ދަތިވާތީ ނިދާ ބޭސް ބޭނުންކުރަމުންދިޔަ މީހެކެވެ.
މިދިޔަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ހިނގި މި ހާދިސާގައި، 137 ފަސިންޖަރުންނާއި 8 ކްރޫއިންނާއެކު ދަތުރުކުރި AI-2379 ފްލައިޓް އޮޑިޝާ މަތިން އުދުހެމުން ދަނިކޮށް، ކުއްލިއަކަށް 300 ފޫޓަށް ތިރިއަށް ވެއްޓުނެވެ. މި ހާދިސާގައި 20 ފަސިންޖަރުންނަށާއި 4 ކްރޫއިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ޑްރަގް ޓެސްޓުން ދެ ފަހަރަށް ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ޕައިލެޓް ބުނެފައިވަނީ، އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ނިދަން އުނދަގޫވާތީ އާއިލީ ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ފުކެޓްގައި މަޑުކޮށްގެން ހުރި ވަގުތު ނިދި ނައުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހިނގާލަން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން، ޕައިލެޓް ވަނީ އެއަރލައިންގެ ޑިއުޓީ ތާވަލަށްވެސް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ޑިއުޓީތައް ހުންނަ ގޮތުން ދުވާލުގެ ވަގުތުގައި އަރާމުކުރަން ލިބޭ ވަގުތު ވަރަށް ބޮޑަށް މަދުވެއެވެ. މިގޮތުން ފުރަތަމަ ފްލައިޓަށް މެންދަމު 12:10 ގައި ރިޕޯޓްކުރަން ޖެހުމުން، އޭގެ މާ ކުރިން ތައްޔާރުވާން ޖެހޭތީ ހަމަ ނިދި ނުލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
ތަހުގީގު ރިޕޯޓްތަކުން އެނގޭ ގޮތުގައި، ބޯޓު ތިރިއަށް ވެއްޓުނު ވަގުތު ޕައިލެޓް އިނީ އޭނާގެ ގޮނޑިއަކު ނޫނެވެ. އެ ވަގުތު ބޯޓު ދުއްވަން އިނީ ކޯ-ޕައިލެޓެވެ. ބޯޓު ތިރިއަށް ދިޔުމާއެކު ޕައިލެޓް ކެބިން ތެރެއަށް ނުކުމެ، އަނިޔާވި މީހުންގެ ކަންކަން ބެލުމަށްފަހު، އެއްވެސް މީހަކު އޭނާގެ ނުވަތަ ބޯޓުގެ ވީޑިއޯ ނުނެގުމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދިއްލީއަށް ބޯޓު ޖެއްސުމަށްފަހު، ޕައިލެޓް ހުރީ ރަނގަޅަށް ފައިމައްޗަށްކޮޅަށް ނުހުރެވޭ ވަރަށް ވަރުދެރަވެފައި ކަމަށާއި، ޔޫރިން ސާމްޕަލް ދިނުމަށް ދިޔައިރުވެސް އޭނާއަށް އެހީތެރިކަން ބޭނުންވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އެ ބޯޓުގައި ތިބި ދެ ޕައިލެޓުންވެސް މިހާރު ވަނީ ވަގުތީގޮތުން މަސައްކަތުން ދުރުކޮށްފައެވެ. އަދި މި މައްސަލަ އެއަރ އިންޑިއާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.