ވިޔަފާރި / ޚަބަރު
މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އޮކްޓޯބަރުން ފެށިގެން ތިލަފުއްޓަށް
މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު އެ ރަށަށް ވަޒީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން ފޮޓޯ: ވަޒީރު ސަޢީދު
މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތިލަފުއްޓަށް ބަދަލުކޮށް، އެ ރަށުން ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޝަފީޤާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަކީ 40 އަހަރުވެފައިވާ ތަނެއް ކަމަށާއި، ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން ބަނދަރުގެ ޚިދުމަތް ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މިހާރު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެހެނިހެން ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިގުތިޞާދު އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މި ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު ފަށައިގެން ހަމަ ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާކަން މިބޭފުޅުން ދެންނެވީ. އެހެންވީމަ އިރާދަކުރެއްވިއްޔާ ބައެއް އޮޕަރޭޝަންތައް އޮކްޓޫބަރު މަހު ތިލަފުއްޓަށް ބަދަލުކުރެވިގެންގޮސް އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށްދާއިރު، މިހާރު ޕޯޓަށްވުރެ އެތައް ގުނައަކަށް ބަދަލުވެގެން މިތަން މިއަންނަނީ،
ވަޒީރު ސަޢީދު
އޮކްޓޫބަރު މަހު ތިލަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އޮކްޓޫބަރަށް ނިންމާލެވޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ތިލަފުށިން ކްލިއަރކުރާ މުދާ ބޯޓަށް ލޯޑުކުރުމުގެ ޚިދުމަތްވެސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، ވަށާޖެހޭ ޖުމްލަ ހައްލެއް ބަނދަރާއި،އަދި އެބަނދަރާއި ގުޅިފައިވާ މުޅިނިޒާމަށް ގެނައުމަކީ ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއްމެ މުޙިއްމު އެއް ވަޢުދު އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މިމަސައްކަތް ނޮވެމްބަރު 2027ގެ ކުރިން… https://t.co/CQHTWAbJOi pic.twitter.com/9nwhYDbmOB
— Mohamed Saeed (@em_saeed) August 12, 2026
ޝަފީޤު އިތުރަށް ވިދާޅުވީ، މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް 24 ގަޑިއިރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި މާލޭގައި އޮންނަ ފަދަ 100 މީޓަރުގެ ކީވޯލެއް ތިލަފުށީގައިވެސް ގާއިމްކުރުމުން، ދެ ބަނދަރުގައި އެއްވަރަކަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ އަދާހަމަ މިއަދު ވަނީ އިމްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާވެސް ހިއްސާކޮށްފައެވެ.