ވިޔަފާރި / ޚަބަރު
ސަމާލުވޭ : ކެންސަރަށް ފަރުވާދޭ "ފޭކު" އިންޖެކްޝަނެއް ރާއްޖެއަށް އެތެރެކުރިކަން ކަށަވަރުވެއްޖެ
ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ އޮޕްޑިވޯ ބްރޭންޑްގެ "ނައިވޮލިޔުމަބް" ނަމަކަށް ކިޔާ އިންޖިކްޝަން ފޮޓޯ:އިންޓަނެޓް
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ (ފޭކް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކުރެވިފައިވާތީ، އެ ބެޗުގެ ބޭސް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ސިއްހީ އިންޒާރެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިގޮތަށް ފާހަގަކުރެވިފައިވަނީ ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ އޮޕްޑިވޯ ބްރޭންޑްގެ "ނައިވޮލިޔުމަބް" ނަމަކަށް ކިޔާ އިންޖިކްޝަނެކެވެ. މި ބޭހުގެ ނަކަލު އިންޖިކްޝަންތަކެއް ރާއްޖޭގެ ބާޒާރުގައި ހުރިކަން ކަށަވަރުވުމާ ގުޅިގެން، އާންމު ސިއްހަތަށް ހުރި ނުރައްކަލަކަށްޓަކައި އެ ބެޗުގެ ބޭސް ބޭނުންކުރުން ވަނީ ވަގުތުން މަނާކޮށްފައެވެ.
އެމްއެފްޑީއޭ އިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވާ "އެސެންޝިއަލް މެޑިކަލް ލިސްޓް" ގައި ނުހިމެނޭ ބައެއް ބޭސްތައް، އަމިއްލަ ބޭނުންތަކަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން އެތެރެކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ބޭސް އެތެރެކުރާއިރު، އެ ބޭހުގެ ކޮލިޓީއާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ތަކުރާރުކޮށް އިލްތިމާސްކުރައްވައެވެ.
— MFDA (@MFDA_mv) August 12, 2026
ކެންސަރު ބަލީގެ ފޭކް ބޭސްތަކެއް ރާއްޖެއިން ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިފައިވެއެވެ. އެ މައްސަލަ ދިވެހި ސަރުކާރުން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއެފްޑީއޭ އާ ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. ސިއްހީ ދާއިރާގެ މާހިރުން ލަފާދެއްވަނީ ބޭސް ގަތުމުގައާއި ބޭނުންކުރުމުގައި ރަސްމީ ފާމަސީތަކާއި ހުއްދަދެވިފައިވާ ވަސީލަތްތައް ބޭނުންކުރުމަށެވެ.