ކުޅިވަރު / ދުނިޔެ

މެސީ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ އިޝާރާތެއް ދީފި

މެސީ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ އިޝާރާތެއް ދީފި

ލިއޮނަލް މެސީ އަދި މެސީގެ ބައްޕަ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޯގަސްޓު 2026، 09:43

12 އޯގަސްޓު 2026، 09:43

ދުނިޔެ ދުށް އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ މަރުވުމާ ގުޅިގެން، އޭނާ ކުޅުން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ މަރުވީ އާޖެންޓީނާގެ ރޮސާރިއޯގައެވެ. އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުއެވެ. ބައްޕަގެ މަރުގެ ހިތާމައިގައި މެސީ އާންމުކުރި އަސަރުގަދަ ބަޔާނެއްގައި ބުނެފައިވަނީ، މިހިސާބުން ދެން އޭނާގެ ކެރިއަރު ކުރިއަށް ގެންދާނީ ކިހާ ދުވަހެއްކަން ބުނަން ނޭނގޭ ކަމަށެވެ.

ޖޯޖް އަކީ މެސީގެ ކެރިއަރު ފެށުނީއްސުރެ އޭނާގެ އެޖެންޓުގެ އިތުރުން ވިޔަފާރި ޕާޓްނަރުވެސް މެއެވެ. މެސީ ބުނި ގޮތުގައި އޭނާގެ ބައްޕައަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ (ބެސްޓް ފްރެންޑް) އެވެ. މެސީގެ އުމުރުން އެންމެ 13 އަހަރުގައި ސްޕެއިންއަށް ބަދަލުވީއްސުރެ އޭނާއާއެކު ހުރީ ބައްޕަ ޖޯޖްއެވެ.

އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ބުނީ، ބައްޕައާ ނުލައި ދެން އޭނާ ކުރަންވީ ކަމެއް ނުވަތަ ކުރިއަށްދާންވީ ގޮތެއްވެސް ނޭނގޭ ކަމަށެވެ. މެސީގެ ބަޔާނުގައި އޭނާ ވަނީ ބައްޕަގެ ވަކިވުމާ ގުޅިގެން ހިތުގެ އުދާސްތައް ބޭރުކޮށްފައެވެ.

"ފެށުނީއްސުރެ އަހަރެންނާއެކު ހުރީ ބައްޕަ. އަހަރެމެންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް. ބައްޕަ އަދި ކުޑަދުވަސް ކޮޅަކު އެކުގައި މަޑުކޮށްނުލީ ކީއްވެ؟ އެހެންނަމަ އެކުގައި ކެރިއަރު ނިންމާލެވުނީސް،" މެސީގެ ބަޔާނުގައި ލިޔެފައިވެއެވެ.

މެސީ އިތުރަށް ބުނީ، އޭނާގެ ބައްޕަ ދެން ނުފެންނާނެކަން، ވާހަކަ ނުދެއްކޭނެކަން އަދި ގާތުގައި ނެތްކަން ގަބޫލުކުރަން އަދިވެސް ދަތި ކަމަށެވެ. ބައްޕަ ވަކިވެގެންދިޔައީ މާ އަވަހަށް ކަމަށް ފާހަގަކުރަމުން މެސީ ބުނީ، އިތުރު އެއް ވޯލްޑް ކަޕް ކުޅުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވިއިރު، އެ މުބާރާތަކީ މެސީގެ ބައްޕަ އޭނާއާއެކު ދަތުރުނުކުރާ ހަމައެކަނި މުބާރާތެވެ. އެއީ އޭރުވެސް އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ދަތުރުކުރެވެން ނެތުމުންނެވެ. އެންމެ ފަހު ވޯލްޑް ކަޕް ތަށި ބައްޕައަށް ގެންގޮސް ނުދެވުމަކީވެސް މެސީ މިއަދު އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. މެސީ ބުނިގޮތުގައި އޭނާގެ ޖިސްމާނީ ހާލަތަށްވުރެ ބޮޑަށް ހިތްވަރުކޮށްގެން ވޯލްޑް ކަޕް ކާމިޔާބުކުރަން މަސައްކަތް ކުރި ނަމަވެސް މިފަހަރު އެކަން ކާމިޔާބެއް ނުވިއެވެ.

އެމެރިކާގެ އިންޓަ މިއާމީއާއެކު މެސީ ވެފައިވާ އެއްބަސްވުން 2028 ވަނަ އަހަރަށް ހަމަވާއިރު، ބައްޕަގެ މަރުގެ ހިތާމައިގައި މިވަގުތު މެސީ ހުރީ ކުޅުމާ ދުރުގައެވެ. މިއާމީގެ ވެރިޔާ ޑޭވިޑް ބެކަމް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި މެސީއާއި އޭނާގެ އާއިލާއާއެކު ހުރިކަން ހާމަކޮށް، މެސީގެ ބަޔާނަށް ކޮމެންޓް ކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450