ޚަބަރު
ހދ. ނެއްލައިދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި
ނެއްލައިދޫގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް---
ހދ. ނެއްލައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ވަނީ ނެއްލައިދޫގައި ޤާއިމުކުރި މި ނިޒާމު ޓެސްޓްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި މަސައްކަތް ޓެސްޓްކުރުމުގައި ހައުސިންގ މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން، މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ނެއްލައިދޫ ކައުންސިލުން އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.
މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑު) ގެ ލޯނު އެހީ އާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
ހދ. ނެއްލައިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު pic.twitter.com/o2KHmXRADB
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 13, 2026
މި މަޝްރޫޢު ގެ ދަށުން ނެއްލައިދޫގައި ވަނީ ފެން ޓެސްޓްކުރެވޭނެ އާލާތްތަކާއެކު ޒަމާނީ ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރުއޯ ޕްލާންޓް އިމާރާތެއް ވެސް ބިނާކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މި ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯވޮޓްގެ ސޯލަރ ޕެނަލް ވެސް ވަނީ ހަރުކޮށްފައެވެ. އަދި ފެނުގެ ނިޒާމުގެ ދަށުން 2 ބޯހޯލް ތޮރުފައި، ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓާއި، ބޯފެން ރައްކާކުރުމަށް 200 ޓަނުގެ 2 ޓޭންކްގެ އިތުރުން 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ.
މީގެއިތުރުން، އެރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށްދިނުމަށް ޓަކައި 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި، 7.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި، 2 ޕަންޕިންގ ސްޓޭޝަން އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ސީ އައުޓްފޯލް އެޅުމުގެ މަސައްކަތާއި، ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ.