ޚަބަރު
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވޭނީ އެންމެން ގުޅިގެން: ވަޒީރު އަމީން
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހިމް މުޙައްމަދު އަމީން / ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހިމް މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި "މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި، ރަނގަޅު މާހައުލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރަކީ "ފަތުރުވެރިކަމުގެ އަހަރު" ގެ ގޮތުގައި ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ އަހަރެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހުޅުވާލައި، އޭގެ ފައިދާ ސީދާ ރައްޔިތުންނަށާއި ރަށްރަށަށް ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
ދިވެހިންނަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކަށް ވަރަށް އަވަހަށް ހޭނޭ، އަދި ޒަމާނީ އީޖާދުތައް ބަލައިގަތުމުގެ ޤާބިލްކަން ހުރި ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ "ވިޒިޓާ ސާވޭ" ގެ ތަފާސްހިސާބުތަކަށް ބައްލަވައި ވަޒީރު ވިދާޅުވީ، ދިވެހިންގެ މެހެމާންދާރީއަށް ފަތުރުވެރިން އިންތިހާއަށް ތައުރީފުކުރާ ކަމަށެވެ.
އެ ސާވޭގެ ނަތީޖާތަކަށް ބަލާއިރު:
- ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 85 އިންސައްތައަށް ވުރެ ގިނަ މީހުން އަލުން ރާއްޖެ އަންނަން ބޭނުންވެއެވެ.
- 90 އިންސައްތައަށް ވުރެ ގިނަ މީހުން އެހެން މީހުންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވެއެވެ.
- 80 އިންސައްތައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީއާ މެދު އިންތިހާއަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ދިމާވި ބައެއް ގޮންޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހަތަރު މަހެއްހާ ދުވަހު ދަށްވެގެން ދިޔަ ނަމަވެސް، ސިނާއަތުގެ ބައިވެރިންނާއި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅު އާންމު ހާލަތަށް ރުޖޫޢަވެފައިވާ ކަމަށެވެ. އަދި އައު މާކެޓުތައް ހޯދުމުގެ ގޮތުން އޮސްޓްރޭލިއާއަށް މިހާރު ޤައުމީ އެއަރލައިންގެ ދަތުރުތައް ފަށާފައިވާކަމާއި، އިތިއޯޕިއަން އެއަރލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ފާހަގަކުރުމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މި ޤައުމީ މަސައްކަތުގައި މުޅި ސިނާއަތުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މިހާރުވެސް ސިނާއަތުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ.