ޚަބަރު
ދެ ކޯޓަކަށް އައްޔަނުކުރެއްވުނު ފަނޑިޔާރުން މަޤާމުގެ ހުވާކުރައްވައިފި
ދެކޯޓަކަށް އައްޔަނުކުރެވުނު ފަނޑިޔާރުން މަޤާމުގެ ހުވާކުރެއްވުން. ފޮޓޯ: ޕީޖީ އޮފީސް
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ކުރިފުޅުމަތީގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތުމަތު ފަރުހީޒާއެވެ. ހުވާކުރެއްވުމަށްފަހު ފަނޑިޔާރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން އައްޔަން ކުރައްވާފައިވާއިރު، މިއަދުގެ ރަސްމިއްޔާތުގައި މި ފަނޑިޔާރުންނަށް ފަތްކޮޅު އަރުވައިދެއްވީ ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްއެވެ. މި ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓަށް އައްޔަން ކުރެއްވި 2 ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންނަކީ އެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް އައްޔަން ކުރެވުނު ބޭފުޅުންނެވެ.
ސިވިލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛް މުޙައްމަދު ނިޝާޠު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާއެވެ. އަލްއުސްތާޛް މުޙައްމަދު ނިޝާޠަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯސް (އޮނަރސް) އަދި މާސްޓަރ އޮފް ލޯ ހާސިލް ކުރައްވައި، ޝަރުޢީ ދާއިރާގައި 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛާ އާސިޔާ އަޡީމާއަކީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އޮނަރސް އަދި ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން މާސްޓަރ އޮފް ލޯ ހާސިލް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަޤާމާއި ލީގަލް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވާ ތިން ފަނޑިޔާރުންނަކީ ޅ. ކުރެންދޫ ނޫރާނީމާގެ، އަލްއުސްތާޛް ސުލައިމާން މުޙައްމަދު އާއި، ހއ. ދިއްދޫ ޑޭޒީމާގެ، އަލްއުސްތާޛް އަޙްމަދު ތައުފީޤު އަދި ތ. ވޭމަންޑޫ ޑްރީމް، އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއެވެ. މީގެ ތެރެއިން އަލްއުސްތާޛު ސުލައިމާން މުޙައްމަދަކީ ޝަރުޢީ ދާއިރާގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައި ހިންނަވަރާއި ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި އަލްއުސްތާޛު އަޙްމަދު ތައުފީޤަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވައި، ޝަރުޢީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ އަކީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް އެންޑް ބެޗްލަރ އޮފް އެލްއެލްބީ އޮނަރސް ހާސިލް ކުރައްވައި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.