ޚަބަރު
ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ވަރުގަދަ މިސާލެއް: މެޑަމް ސާޖިދާ
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) ކުރެއްވި ޤައުމީ ޖިހާދަކީ، ދިވެހީންގެ ކެރުމާއި ހިތްވަރު، އަދި އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަމުގެ ރީތި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވައި ފޮނުއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވަނީ، ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޒިކުރާ އައުކުރައްވަމުން، މި އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް ދަންނަވާފައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމުގެ މުނާސަބަތުގައެވެ. ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ބޮޑުތަކުރުފާނު ހޯއްދެވި މި ނަޞްރާ ގުޅިގެން، ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް އަންނަނީ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ.
މިފަދަ ޤައުމީ މުހިންމު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާއިރު، މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ.